image

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ.

  1. ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި އާންމުކުރުން.
  2. ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފުތަރެއް އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
  3. ޤައުމީ ތަރިކައިގެ ހާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
  4. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ގާއިމުކުރުން.
  5. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް  ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުޝާދު ދިނުން
  6. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
  7. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން.
  8. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން.
  9. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
  10. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
  11. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
  12. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  13. ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
  14. ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
  15. މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
  16. ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި ދިވެހިންގެ އާދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މަޢުލޫމާތު އާންމުކުރުން.
  17. ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
  18. ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި އާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުން.
  19. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް އާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން.
  20. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.