image

ވުޒާރާގެ މެންޑޭޓް

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތައް

  1.  ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
  2. ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
  3. ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުން.
  4. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާގުޅޭ ޢިލްމު ފެތުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރުން.
  5.  ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން.
  6. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާބެހޭ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައި، އެ ދާއިރާތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސް ކުރުން.
  7.  ދިވެހީންގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  8. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާބެހޭ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކާ އެ ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާ ގުޅުވައިދޭ މެންޓަރޝިޕް ޕްރޮގްރާމްތައް ރާވައި ހިންގުން.
  9. ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާބެހޭ ދާއިރާތަކުން ހިންގާ ހަރަކާތްތަކުގައި، އެތަންތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުން.
  10.  ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާބެހޭ ދާއިރާ ދިރުވައި އާލާކުރުމުގައި، އެ ދާއިރާތަކުން އިޤުތިޞާދީ ނަފާ ހޯދެން ހުރި ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުން.
  11.  ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.
  12.  ދިވެހިންގެ އެއްބައިވަންތަކާމާއި އެއްބައެއްވަންތަކަން ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން.
  13.  ދިވެހީން ދިވެހިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން އުޅޭ އެކުވެރި އަޙުވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް  ޤައުމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރުން.
  14.  ދިވެހިންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމަށްޓަކައި ސަރުކާރުގެ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކި ފެންވަރުގެ އިޖުތިމާޢީ ޙަރަކާތްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުން.
  15.  ދިވެހިންގެ މެދުގައި ޤައުމީވަންތަކަން އާލާކުރުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ އިޖުތިމާޢީ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  16.  ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެތަންތަނުން އިސްނަގައިގެން ހިންގާ އެފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  17.  ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން މަސައްކަތްކުރުން.
  18.  ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިޙްތިފާލުތައް ބޭއްވުން.
  19.  ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން، ދިވެހި މުޖުމަތަޢުގައި ކަންކަމާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.
  20.  ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.
  21.  ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ތާރީޚާއި  ސަގާފަތާއި ތަރިކައާއި އާދަކާދަތައް ތަމްސީލުވާނެފަދަ ގޮތަކަށް އެ ދާއިރާ ތަރައްޤީކުރުމަށް ބާރުއެޅުން.
  22.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
  23.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި،ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
  24.  ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާބެހޭ ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
  25.  ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
  26.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުން ދާނީ، މިނިސްޓްރީ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުންނެވެ.

(ހ) ދިވެހި ބަހުގެ އެކެޑަމީ

(ށ) ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

(ށ.1) ޤައުމީ ދާރުލް އާސާރު

(ނ) ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު

ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ދިވެހިބަހުގެ އެކެޑަމީއަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.

  1. ދިވެހިބަސް ހިމާޔަތްކޮށް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުން.
  2. ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢުލީމާއި، އެހެނިހެން އާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުން.
  3. ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ބަހުގެ ގަވާއިދު އެކުލަވާލައި މިކަންކަން އާންމުކޮށް ފެތުރުން.
  4.  ދިވެހިބަހުގެ ގަވާއިދާއި ބަސްބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
  5.  ދިވެހިންގެ ސަގާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ދިރުވައި އާލާކުރުން.
  6. ދިވެހިބަހާއި، ތާރީޚާއި، ސަގާފަތާއި، ތަރިކައާބެހޭ މަޢުލޫމާތު އާންމުކުރުމުގައި އެ މަޢުލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި، އަދަބިއްޔާތާއި، ސަގާފަތާއި، ތަރިކައާބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުން.
  8. ދިވެހިބަސްފޮތްތައް އެކުލަވައިލައި ޝާއިޢު ކުރަމުންގެންދިޔުން.
  9. ދިވެހިބަހާއި، ތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި، ފަރުމާކޮށް، ހިންގުން.
  10. ދިވެހިބަހާއި، ތާރީޚާބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ހަރަކާތްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން.
  11. ދިވެހިބަހާއި، ތާރީޚާބެހޭ ފޮތާއި، މޮނޮގްރާފާއި، ރިޕޯޓުތަކާއި، މަޖައްލާތަކާއި، މިފަދަ އެންމެހައި ތަކެތި ޝާއިޢުކުރުމާއި، ދިވެހިބަހާއި، ތާރީޚާބެހޭ މަޢުލޫމާތު ގިންތިކޮށް، ތަރުތީބުކޮށް، ފަތުރާ މަރުކަޒެއްގެ ގޮތުގައި ހަރަކާތްތެރިވުން.
  12. ދިވެހިބަހާއި، ތާރީޚާބެހޭ ކުރު ކޯސްތަކާއި ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ހިންގުމާއި ހިންގުވުން.
  13. ސެމިނާރުތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރަންސްތައް އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ހިންގުވުން.
  14. ދައުލަތާއި އެހެން ފަރާތްތަކުން އެކިއެކި އެހީތައް ލިބިގަތުމާއި، އެ ފައިސާ ތަނުގެ މަޤުޞަދުތައް ހާސިލުކުރުމަށް ބޭނުންކުރުން.
  15.  ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، އެކެޑަމީން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތައް

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 15 ވަނަ މާއްދާއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ.

  1.  ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި އާންމުކުރުން.
  2. ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފުތަރެއް އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
  3.  ޤައުމީ ތަރިކައިގެ ހާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
  4. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަފިލުވައި، އެފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ގާއިމުކުރުން.
  5. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެނޫންވެސް ކަމާބެހޭ އިދާރާތަކަށް  ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުޝާދު ދިނުން
  6. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
  7.  ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން.
  8. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން.
  9.  ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
  10. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
  11. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
  12. ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
  13. ސަގާފީ ތަރިކައާ ގުޅޭގޮތުން އެއްކުރެވޭ މަޢުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
  14. ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
  15. މަރުކަޒުގެ މަސައްކަތްތައް ހިންގުމަށްޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
  16. ދިވެހިރާއްޖޭގެ ތަރިކައާ ގުޅޭގޮތުންނާއި ދިވެހިންގެ އާދަކާދައާ ގުޅޭގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މަޢުލޫމާތު އާންމުކުރުން.
  17. ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
  18. ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ ކަންކަމުގައި އާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުން.
  19. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް އާންމުންނަށް ހުޅުވާލުމާ ގުޅޭ ކަންކަން ހަމަޖެއްސުން.
  20.  ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.

(1) ޤައުމީ ދާރުލްއާސާރުގެ މަސައްކަތްތައް

  1.   ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
  2. އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.
  3.  ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި، ގިނަދުވަހު ހުންނާނޭހެން ފަރުވާދިނުމާއި އެތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
  4.  ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާބެހޭ މަޢުލޫމާތު އާންމުކުރުން.
  5. ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މަޢުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރުކުރުމާއި، އެތަކެތި އާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  6.  އަމިއްލަފަ ރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމުކޮށްގެން ބަލަހައްޓާނެގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
  7. އާސާރީ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި، އެ ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
  8.  ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
  9. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާބެހޭ ދިރާސާތައް ކުރާނެގޮތާއި މަޢުލޫމާތު މުއްސަނދިކުރުމަށް މަސައްކަތް ކުރާނެގޮތާއި މަޢުލޫމާތު ދޭނެގޮތާ ބެހޭގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
  10. އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނެގޮތަށް ފަރުވާދީ ބަލަހައްޓާނެގޮތާއި ފަރުވާދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަކުރަންޖެހޭނެ ކަންކަމާބެހޭގޮތުން އިރުޝާދުދީ އެހީތެރިވެދިނުން.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު

  1. ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން.
  2. ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ ޢިލްމުތައް ހޯދައި، އެ ޢިލްމުތައް ދިވެހިރާއްޖެއާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން.
  3. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ގުޅޭ ޢިލްމީ އަދި ފަންނީ ދިރާސާތައްކުރުމާއި،
     އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި، އެ މައުލޫމާތު އަދާ ހަމަކޮށް ބެލެހެއްޓުން.
  4. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އައު ޓެކްނޯލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައްކުރުމުގައި އެކަންކަން ތަޢާރަފުކުރުން.
  5. ބޭރުގެ ބަސްބަހުން ލިޔެ އުފައްދާފައި ހުންނަ ޤައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާ ގުޅޭ ޢިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހީންގެ ހާލަތަށް ވެހިކުރުން.
  6.  ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތު (ދިވެހިވަންތަކަން)އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދާފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  7.  ދިވެހިރާއްޖެއާ ދިވެހީންނާއި ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން.
  8. ޓެކްނޯލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށްޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުން.
  9. ދިވެހި ޤައުމިއްޔަތު އާލާކުރުމާ ގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި ޢިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
  10. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމާއި، މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ހިންގުން.
  11. ސަރުކާރުގެ އިދާރާތަކާއި ތައުލީމާއި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  12. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި އިންތިޒާމުކުރުން.
  13. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމުގެ މާއްދާތަކާއި މުގައްރަރުތައް އުފަންކުރުމާއި އެކުލަވައިލުމުގައި ކަމާބެހޭ އިދާރާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  14. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  15. ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާކުރުމުގައި ދިވެހިވަންތަކަން ގެނެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުން.
  16.  ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުމާއި، މަސައްކަތްތަކާގުޅޭ އެންތޮލޮޖީތައް ކަނޑައެޅިފައިވާ މުއްދަތުތަކުން ޝާޢިއުކުރަމުން ގެންދިޔުން.
  17.  ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ކަންކަން އިންތިޒާމުކޮށް، އެ އިސްވަރުގެ އިދާރީ ކަންކަން ބެލެހެއްޓުން.
  18. މަރުކަޒުގެ މަސައްކަތްތަކާ ގުޅިގެން އުފައްދާ ވަރުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް، އެ ވަރުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.