1446ވަނަ އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމާ ބެހޭ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ވުޒާރާއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޝްރީނާއި ދެ މުއައްސަސާގެ އިސް މަސްއޫލުވެރީންނާއެކު ކުރިއަށް ގެންދެވުނު މަޝްވަރާގައި ދެ މުއައްސަސާއިން ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އަޟްޙާ ޢީދާ ގުޅިގެން ނިންމަން ހުރި ކަންކަން ނިންމެވުމަށް ދެ މުއައްސަސާ ހިމެނޭހެން ފަންނީ ކޮމެޓީއެއް ވަނީ މި ބައްދަލުވުމުގައި އެކުލަވައިލައްވާފައެވެ.
ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުން ޢިއުލާނު ކުރުމަށް ފަހު ލިބުނު ޕްރޮޕޯސަލްތައް ބަލައި ވަޒަންކޮށްގެނެވެ. 1445ވަނަ އަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ސަރުކާރުން ފާހަގަކޮށްފައިވަނީ ދ.ކުޑަހުވަދޫ، ގއ.ވިލިނގިލި އަދި ރ.އުނގޫފާރުގައެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ކަލަންޑަރުގައި ވާ ގޮތުން 2025 ޖޫން 6ވާ ހުކުރު ދުވަހެވެ.