ޤައުމަކީ އެއްބަހަކުން ވާހަކަދައްކާ އެއް ސަގާފަތެއް ހިއްސާކުރާ އެއް ތާރީޚަކާ ގުޅި ލާމެހިފައިވާ އިންސާނީ ޖަމާޢަތެވެ. ދިވެހި ބަސް ފޮތް ބުނާ ގޮތުން ޤައުމަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބައެކެވެ. އެހެންވީމާ ޤައުމަކީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ބަޔަކަށް ކިޔާ ނަމެކެވެ. ދިވެހި ޤައުމަކީ ދިވެހީންނާ ލައިމެހިފައިވާ މި ދެންނެވި ސިފަތައް ހިއްސާކުރާ މީހުންނެވެ.
ދިވެހި ޤައުމަކީ އޭގެ ފެށުމެއް އެނގެން ނެތް އެވޭލާ ޤައުމެކެވެ. ދިވެހީން މި ތިބަ ފަސްގަނޑުގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހަކު ނުވަތަ ބަޔަކު އެނގި ކަށަވަރުވާ ޢިލްމީ އަދި ތާރީޚީ އެއްވެސް ހެއްކެއްނެތެވެ. މި ކަމުން އެނގެނީ ދިވެހި ޤައުމާއި ދިވެހި ވަޒަންވެރިކަމުގެ ދޮށިކަމެވެ.
އަޅުގަނޑުމެން ދިވެހީން މި ތިބީ ގިނަގުނަ ކަނޑު އުޅަނދުފަހަރު ގިރާކުރަން ޖެހޭ އޮޅިއެއްގެ ގޮތުގައި އޮންނަ ތަނެކެވެ. އެހެންވީމާ އޮޑިފަހަރާއި ނާފަހަރު ބެހިގެން އަދި އެ ނޫން ވެސް ގޮތްގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އަޅުގަނޑުމެންނާ ހަމައަށް އާދެއެވެ. ބައެއް މީހުން ކަނޑުމަތިން ހާލުގައި ޖެހިގެނެވެ. ބައެއް މީހުން ވިޔާފާރިކަމުއެވެ. އަދި ބައެއް ފަހަރަށް ހަނގުރާމައާއި އިސްތިޢުމާރުގެ ތެރޭން ވެސްމެއެވެ.
ޢަޤީދާއާއި ބަހާއި ތާރީޚާއި އުޅުންބުޅުމުގެ ހުރިހައިކަމެއްގައިހެން ދިވެހީންގައި ވަނީ އެއްގޮތްވަންތަކަމެވެ. އެހެންކަމުން ދިވެހީންނަކީ ފުރިހަމަ ޠަބީޢީ ޤައުމެކެވެ. ސައްތައިންސައްތަ އިސްލާމީ ޤައުމެކެވެ.