ދިވެހި ޤައުމިއްޔަތަށް ޢިލްމީ ގޮތުން ބައްލަވައި ރައީސް ކަނޑައަޅުއްވާފައިވާ އެންމެ ކުރު ތަޢާރަފަކީ “ދިވެހީންގެ ވިސްނުމުގައި އޮންނަ ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމުގެ ފިކުރު.” – ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ދިވެހި ޤައުމިއްޔަތަށް ޢިލްމީ ގޮތުން ބައްލަވައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އެންމެ ކުރު ތަޢާރަފަކީ “ދިވެހީންގެ ވިސްނުމުގައި އޮންނަ ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީންގެ ދެމިތިބުމުގެ ފިކުރު” ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތު މަޝްރޫޢަކީ ޢިލްމީ ގޮތުން، ޢިލްމީ ލޮލަކުން ދިވެހީންގެ އަސްލުތަކަށް ބެލުމާއި، ޢިލްމީ ގޮތުން ދިވެހީންގެ އަސްލުތައް ހޯދައި ވަޒަންކޮށް އިޢާދަކުރުމުގެ މަޝްރުޢެއްކަމަށެވެ. ދިވެހީން އެއްބަހަކުން ވާހަކަދެއްކުމާއި، ދިވެހީންނަށް އެކި ކަންކަމުގައި ކުރެވިހުރި އެއްގޮތް ތަޖުރިބާތަކާއި، ދިވެހީންގެ ކެއިން ބުއިމުގައި ހުރި އެއްގޮތްވަންތަކަމާއި، ދިވެހީންގެ ރަށްތައް އުފެދި އެތުރިފައި އޮތް ގޮތްފަދަ ހުރިހާ ކަމަކީ ދިވެހީންނާއި ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ސިފަތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޙަޤީގަތުގައި އަޅުގަނޑުމެން ދިވެހީން ވަކިވަކި ވާންޖެހޭ، ބައިބައި ވާން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ދިވެހި ޤައުމު އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެން ފާއިތުވިތާނގައި ތިބި ގޮތާ މިއަދު އަޅުގަނޑުމެން ތިބި ގޮތާ ވަރަށް ގިނަ ގޮތްގޮތުން ތަފާތުކަން ފާހަގަ ކުރެއްވޭކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަޖުރިބާ ސާޅީސް އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ ވަރަށް ރަނގަޅަށް ހުންނާނެކަން އެއުމުރުގެ ކޮންމެ ދިވެއްސަކު އެއްބަސްވާނެ ކަމަށާއި، ދިވެހީން އެއްބައެއްގެ ގޮތުގަ ތިބި ތިބުން، ދިވެހީން އެއް ރޫޙެއްގައި ދިވެހި ޤައުމައިގެން ކުރިއަށްދިޔަ ދިއުން، ދިވެހީން އެއް ޖޯޝެއްގައި ރަށް ބިނާކުރަން، އަތޮޅު ބިނާ ކުރަން، އަދި ޤައުމާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ކުރި ހިންމަތާއި މިންނަތް، އަދި އެއިން ދިވެހީން ހޯދި ކާމިޔާބީގެ ތަޖުރިބާ ދިވެހީންގެ އެބަ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް އެނގެނީ މިކަންކަމަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާފައިވާކަންކަށާއި، ދިވެހީންގެ ޤައުމީ ބިންގާ އަލުން އިޢާދަކޮށް އާރާސްތު ކުރަން ވެއްޖެކަންކަމށް ވެސް ވަޒީރު ވިދާޅުވިއެވެ.

“މިކަން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެމަނިކުފާނުގެ ޒަޢާމަތުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވާ އެއްކަމެއްގެ ގޮތުގައި ހިމެނެނީ ދިވެހީން އަލުން ދިވެހީންގެ ގޮތުގައި އިޢާދަކުރެއްވުން. ދިވެހީންގެ ފިކުރީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ ސަލާމަތާއި ގުޅިފައި ހުރި ކަންކަމުގައި، ދިވެހީން ޒަމާނުއްސުރެ މިނިވަންކަންމަތީ މިދެމިތިބި ސިއްރު، އޭގެ ސަބަބުތައް އަލުން ހޯދައި، އަލުން ދިވެހީންގެ ވިސްނުމުގެ ތެރެއަށް ގެނެސްދެއްވުން.” ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ތާރީޚާއި ޤައުމީ ދުވަހުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ވަޒީރު ވިދާޅުވީ ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެއްބައިވަންތަވުމަށާއި އެއްދީނެއްގައި ދެމިތިބުމަށް ކަމަށެވެ. އަދި އެދުވަސް ހަނދާންކޮށްދެނީ ދިވެހީންނަކީ ކަނޑުގެ ދަރީންކަންކަމަށާއި، ދިވެހީންގެ ރައްކާތެރިކަން ކަނޑާ ގުޅިފައި އޮތްކަން އެދުވަސް ބުނެދޭކަމަށެވެ. އެހެންވީމާ ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވެސް ރަށްތަކުގެ ވަށައިގެން އޮތް ކަނޑަށް ދިވެހީން ފަރިތަވެ ހޭލުންތެރިވާން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި  މިހާރު ކުރިއަށްދާ ރައީސްގެ ޚާއްޞަ ޤައުމިއްޔަތު މަޝްރޫޢުގެ ތެރެއިން ދިވެހީންނަށް ދިވެހީންގެ ރައްކާތެރިކަމާ ބެހޭ ވަރަށް ބޮޑު ހޭލުންތެރިކަމެއް އަންނާނެކަމަށް ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެން މާދަމާއަށް ވިސްނާއިރު، ދިވެހީން ދެމިތިބުމަށް ބަލާއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ވާޖިބެއް ދިވެހީންގެ އަޞްލުތަކަށް ބަލައި، ފިކުރުކޮށް، ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބި ސަބަބުތައް ހޯދައި އެގޮތުގައި ކުރިއަށް ދިއުން. އެކަމަށްޓަކައި ދިވެހީންގެ ބަސް، ދިވެހީންގެ ދީން، ދިވެހީންގެ ތާރީޚް، ދިވެހީންގެ ތަރިކަ، ދިވެހީންގެ މަސައްކަތްތެރިކަން، ދިވެހީންގެ ހުރިހާ ހުނަރުތަކެއް ދިވެހީން އަލުން ލިބިގަތުން މުހިންމު. އޭރުން މިފަސްގަނޑުގެ މައްޗަށް ދިވެހީންގެ އިހުއޮތް ބާރު އަލުން އެނބުރި އަންނާނީ.” ވަޒީރު ވިދާޅުވިއެވެ.

4 ރަބީޢުލްއައްވަލް 1446

7 ސެޕްޓެންބަރު 2024

Scroll to Top