ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީޒު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވައިފި.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވެ ވަޑައިގެންވީ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނަޢީމާއި އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އަޝްރަފުގެ އިތުރުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ސަޕޯޓް އޮފިސަރ ފާޠިމަތު ރީމާއެވެ. ވުޒާރާގެ ފަރާތުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެކި އެކި ހާދިސާތަކުގައި ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ މުއައްސަސާއިން ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. މި ގޮތުން ދިވެހި މުޖުތަމަޢަކީ ކުށް މަދު މުޖުމަޢުއަކަށް ހެދުމަށްޓަކައި ދިވެހި ސަޤާފަތް ދިރުވާއާލާކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ދިވެހި ފުލުންގެ އިދާރާ އާއި މިވުޒާރާއާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގައި މި ވުޒާރާގެ ފުރިހަމަ އެއްބާރުލުންން އެފަރާތަށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.