ކުޑަކުދީންނަށް ޚާއްޞަ ދިވެހި ޢިބުރަތްތެރި ވާހަކަލިޔުމުގެ މުބާރާތެއްގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި.

07 ފެބްރުއަރީ 2026

featured image

ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމަށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ބޭއްވެވި ކުޑަކުދީން ކިޔާނެ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ވިދާޅުވާ ގޮތުގައި މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ ކުޑަކުދީން ޝައުގުވެރިވާ ފަދަ ފޮތްތަކެއް ދިވެހި ބަހުން އުފެއްދުމެވެ. މުޖުތަމަޢުގެ އަދަބީ އަދި އަޚުލާޤީ މިންގަނޑުތައް ހިފަހައްޓާ ރީތި ދިވެހިބަހުން ލިޔެފައިވާ ޢިބުރަތްތެރި ވާހަކަތަކެއް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އޭގެ އިތުރަށް ދިވެހިބަހުން ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ދިވެހި ވާހަކަ ލިޔުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ މި މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއްކަމަށެވެ. އެއީ މި ކަމުން ދިވެހިރާއްޖޭގެ މާދަމާގެ މުސްތަގުބަލުކަމުގައިވާ ކުޑަކުދީންނަށް، އެ ކުދީންގެ ވިސްނުމުން ހެޔޮ ނުބައި ކަނޑައަޅަން އެނގޭނެ މަގުތައް އަދަބީ ދާއިރާ މެދުވެރިކޮށް ފޯރުވައި ދެވޭތީއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވި ގޮތުގައި ވާހަކައަކީ ކުޑަކުދީން ބަސް އުނގެނުމުގެ ދުވަސްވަރާއި ކުޑަކުދީން ދުނިޔެ ދަސްކުރަމުން އަންނަ ދުވަސްވަރު ނުވަތަ ދުނިޔެއަށް ލޯހުލުވި އަހުލުވެރިވަމުން އަންނަ ދުވަސްވަރު އެ ކުދީންގެ ތަރުބަވީ ހަޔާތުގެ ވަރަށް މުހިންމު ބައިވެރިއެކެވެ.

ވާހަކަ ލިޔުންތެރީން ވާހަކަ ލިޔުއްވާއިރު ކުދީންގެ ދީނީ ޤަައުމީ ތަރުބިއްޔަތަށް ޚާއްޞަ އިސްކަން ދެއްވުމަށް ވަޒީރު އެދިވަޑައިގަތެވެ. މި ދާއިރާގައި ލިޔުންތެރީންނަށް ހުރި އުނދަގޫތަކަށް ފަސޭހަ މަގެއް މި ސަރުކާރުން ހުޅުއްވާދެއްވާފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވެވިއެވެ. އެ ގޮތުުން ކުޑަކުދީންނަށް ޚާއްޞަ ތަރިކައިގެ ދާއިރާގެ ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއި ގޮތްތަކެށް ގެނެސް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައިކަން ވެސް ފާހަގަކުރެއްވެވިއެވެ.

މި މުބާރާތުގައި 30ފަރާތަކުން ބައިވެރިވެފައިވެއެވެ. 2 ގޮތްޕަކަށް ބަހާލައިގެން ކޮންމެ ގޮތްޕަކުން 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދިޔަ ފަރާތަށް ވަނީ އިނާމު ދެއްވާފައެވެ.