“ދިވެހި ޤައުމިއްޔަތުގެ އިސްވަރު” ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފި.

ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމުގެ ޤައުމީ ނިޒާމުގެ ދަށުން “ދިވެހި ޤައުމިއްޔަތުގެ އިސްވަރު” ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. އިސްވަރު އިފްތިތާޙު ކޮށްދެއްވީ ބުދަ ދުވަހު ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި،  ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި އިސްވަރު އިފްތިތާޙު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްވާރުކަމުގެ ރަސްމީ ލިޔުން  އިސްވާރުންނަށް ޙަވާލުކޮށްދެއްވާފައެވެ. ލިޔުން ޙަވާލުކޮށްދެއްވި 5 ބޭފުޅުންނަކީ،

ދިވެހިބަހުގެ އިސްވާރު – މަރިޔަމް ތައުފީޤާ މ. ޑްރީމީ ލައިޓް.

ދިވެހި ތާރީޚުގެ އިސްވާރު – އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރު މއ. ކަށިމާ.

ދިވެހިތަރިކައިގެ އިސްވާރު – ޙަސަން ޒަރީރު ސ. މަރަދޫ ލޮނުފެން.

ދިވެހި ސުމޭކުގެ އިސްވާރު – މުޙައްމަދު ޢަބުދުލްޤާދިރު ގ. ގޯޅިތެރޭގެ.

ދިވެހި ފަންނުގެ އިސްވާރު – މަރިޔަމް ޢިޝާ ޢަޒީޒު ހ. ހާލި.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމުގެ ޤައުމީ ނިޒާމުގެ ދަށުން ހިންގޭ މުހިންމު އެއް މަސައްކަތެވެ. މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ޤާނޫނުން ބާރު ލިބިދޭ، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ބަދަލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

      “މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރު ލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް. މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާއި އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ގޮތުން މީގެ ފަހުން އަބަދުވެސް ބަލަމުން، ބަލަހައްޓަމުން ގެންދިއުމާއި، ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2 ރަބީޢުލްއައްވަލް 1446

5 ސެޕްޓެންބަރު 2024

Scroll to Top