ޤައުމީ ދުވަހުގެ ޚާއްސަ ބަހުސެއް ބާއްވަނީ

      1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މި ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ދުވަހަށް ޚާއްސަ ބަހުސެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ޓީވީއެމްގައެވެ.


ދިވެހި ޢިލްމީ ޒުވާނުންކޮޅެއް ދެ ޓީމަކަށް ބަހާލައިގެން ވާދަކުރާ މި ބަހުސްގެ މައުޟޫޢަކީ “ދިވެހި ޤައުމިއްޔަތު ކުރިއެރުވުމުގައި އެންމެ މުހިންމީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުން” މި މައުޟޫޢެވެ. މި ބަހުސްގެ ރެކޯޑިންގ ޓެލެވިޜަން މޯލްޑިސްވްސްއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ވުޒާރާގެ ފަރާތުން ރޭ ވަނީ “ބޮޑުތަކުރުފާނުގެ ޖިހާދު” ގެ ނަމުގައި އާންމު ބައްދަލުވުމެއް ބާއްވާފައެވެ. މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޚާއްސަ ބައްދަލުވުން އޮތީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ. ދިވެހިރާއްޖޭގެ ޔުނިފޯމް މުއައްސަސާތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސްކައުޓާއި ކެޑޭޓާއި ގަރލް ގައިޑްގެ އިތުރުން ރެޑް ކްރެސެންޓާއި ކަރެކްޝަނަލް ސަރވިސްއިން ވެސް ބައިވެރިވެފައި ވެއެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތު 04 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ ފަތިހު 05:30ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެދުވަހުގެ ހެނދުނު 08:15ގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ދަރުބާރުގޭގައި އޮންނާނެއެވެ. މި ދެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

29 ޞަފަރު 1446

2 ސެޕްޓެންބަރު 2024

Scroll to Top