ޤައުމިއްޔަތުގެ ދާއިރާއިން ކަސްޓަމްސްގެ މުވައްޒަފުންނަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ޤައުމިއްޔަތުގެ ދާއިރާއިން ކަސްޓަމްސަށް ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި މި ވުޒާރާގެ ބައެއް އިސްވެރީންނެވެ. އަދި ކަސްޓަމްސްގެ ފަރާތުން މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ދިޔާނާއާއި ޑެޕިޔުޓީ ކޮމިޝަނަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ވަޙީދާއި، ޑެޕިޔުޓީ ކޮމިޝަނަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް މަފާޒް އަދި ޗީޕް ސުޕްރިންޓެންޑެންޓް ޑޮކްޓަރ ފާޠިމަތު މުޙައްމަދެވެ.

މި ބައްދަލުކުރެއްވުމުގައި ކަސްޓަމްސްއާއި މި ވުޒާރާ ގުޅިގެން ކަސްޓަމްސްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ 700އެއްހައި މުވައްޒަފުންނަށާއި އެއިދާރާއަށް އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިރޮނގުން މި ވުޒާރާގެ ފަރާތުން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޮރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުއްވާފައެވެ.

      “ކަސްޓަމްސްއަކީ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ، ޤައުމުގެ މައި ދޮރާށި ބަލަހައްޓާ މައި އިދާރާކަމަށް ވާއިރު، ހަރުދަނާ ސިފަތަކެއްގެވެރި މުވައްޒަފުން ތިބޭ ތަނަކަށް މިތަން ވާން ޖެހޭ. މިސިފަތައް އަށަގެންނުވޭނީ ޤައުމުގެ މުހިންމުކަމާއި، ޤައުމުދެކެ ލޯބިވާންވީ ސަބަބުތައް ދަސްކޮށްދެވިގެން. ދިވެހި ޤައުމިއްޔަތުގެ ހަގީގީ ސިފަތައް މުއައްސަސާގެ ހުރިހާ ގިންތިއަކަށް ކިޔަވައިދެވިގެން.” ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލާ ފާޠިމަތު ދިޔާނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކަސްޓަމްސްގެ 135 އަހަރުވީ ދިގު ތާރީޚް ރައްޔިތުންނަށް ފެންނާނޭ ފަދަ ގޮތަކަށް މައުރަޒު ކުރުމާއި ބެހޭ ގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މި ވުޒާރާއާ ގުޅުން ހުރި ހުރިހާ މިފަދަ މަސައްކަތްތަކުގައި  ކަސްޓަމްސްއަށް ފަންނީ އެހީތެރިކަން ފޮރުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުއްވާފައެވެ. އަދި ވަޒީރު ވަނީ ކަސްޓަމްސްފަދަ މުހިންމު މުއައްސަސާއަކުން ދިވެހި ޤައުމިއްޔަތުގެ ސިފަތަކުގެ މުހިންމުކަން ދަނެގަނެ، މި ވުޒަރާއިން ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް އިސްނެންގެވުމަކީ ވަރަށް އުފާފުޅު ކުރައްވާކަމެއް ކަމަށް ވިދާޅުވެފައެވެ.

24 ޞަފަރު 1446

28 އޮގަސްޓު 2024

Scroll to Top