ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ގެންގޮސްފި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫއު ތަޢާރަފު ކުރުމުގެ ބައްދަލުވުމެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުން އޮތީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއީ ވުޒާރާއިން ބޭރުގައި އެހެން މުއައްސަސާއަކަށް ޤައުމިއްޔަތު މަޝްރޫޢުގެ މަޢުލޫމާތު ދެވޭ ފުރަތަމަ ފަހަރުކަމަށާއި، އެލަޤަބު ލިބޭ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް ވީ ކަމަކީ އެމަނިކުފާނު އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސަކީ އިސްލާމްދީނަށް ވާއިރު، އެމަރުކަޒު ފަދަ އިސްލާމީ ތަޢުލީމަށް ހާއްސަ ތަނެއްގައި މި މަސައްކަތް ފެށޭތީ މި މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕްރެޒެންޓޭޝަނާކާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން އެ ޔުނިވަރސިޓީގެ ލެކްޗަރާރުންނާއި ދިރާސާވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތަޢާރަފަށް ފަހު ބައްދަލުވުމުގެ ބައިވެރީން ވަނީ މި ތަޢާރަފާ ބެހޭ ގޮތުން އެބޭފުޅުންގެ ސުވާލުތަކާއި ޝުޢޫރުތައް ފާޅުކުރައްވާފައެވެ. ހުރިހާ ބޭފުޅުންވެސް މި މަސައްކަތަކީ މި ދަނޑިވަޅަށް ޤައުމަށް ނުހަނު ބޭނުންތެރި މަސައްކަތެއްކަމަށާއި، ހުރިހާ ދިވެހީންނަށްވެސް ކޮންމެހެން އަންގައިދީ ހޭލުންތެރިކުރުވުން މުހިންމު މަޢުލޫމާތުތައް މި ތަޢާރަފުގައި ހިމެނޭކަން ފާހަގަކުރައްވާފައެވެ.

ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެދަށުން 18 ޖަނަވަރީ 2024ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދަވާފައެވެ. މި މަރުކަޒުން ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ފީލްޑް ރިސަރޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައި އިތުރަށް ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިވެހި ޤައުމީ އިސްވަރު ކޮލެޖެއް ގާއިމު ކުރުމާއި ޤައުމީ ޗާޕްޚާނާއެއް އުފެއްދުން ހިމެނެއެވެ.

5 މުޙައްރަމް 1446

11 ޖުލައި 2024

Scroll to Top