ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފި.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މި ވުޒާރާގައެވެ. މި ބައްދަލުވުމަށް ކައުންސިލްގެ ރައީސްގެ އަރިހުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވެސް ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ދާންދޫގައި ހުރި އާސާރީ ތަނެއް ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރުގައި ހިމެނުމަށް ހުށަހެޅުން ފާހަގަކުރެވެއެވެ. އެތަނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގެ ތެރޭގައި އެރަށުގެ ކަތީބުކަން ކުރެއްވި ދާންދޫ ތުއްތު ކަތީބު ދިރިއުޅުއްވި ގެކޮޅުކަމަށް ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ. މި ގެކޮޅު ދިވެހިރާއްޖޭގެ ތަރިކައިގެ ލިސްޓުގައި ދަފްތަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވިލަރެސްކުރައްވާނޭ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ އާސާރީ ތަންތަނަކީ ހަމައެކަނި ލޮލަށް ފެންނަން ހުންނަ ތަންތަން ނޫންކަމަށާއި، އެފަދަ ތަންތަނަކީ ވަރަށް ބައިވަރު ވާހަކަތައް ކަމަށް ފާހަގަކުރައްވައި، އެފަދަ ތަރިކަތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދާންދޫ ކައުންސިލުން ވަނީ މި ވުޒާރާގެ ފަރާތުން ދިވެހިބަހުގެ ލިޔުމުގެ ގަވާއިދު އުނގަންނައިދޭ ކުރު ތަމްރީނެއް އެރަށުގައި ހިންގެވުމަށް އެދިފައެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ދާންދޫ ކައުންސިލާ މިވުޒާރާއާ ގުޅިގެން ކުރެވެން ހުރި މިފަދަ މަސައްކަތްތަކަށް ވުޒާރާގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

28 ޛުލްޙިއްޖާ 1445

4 ޖުލައި 2024

Scroll to Top