ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި.

ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ލިޔުމުގެ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރު ވެސް ހުޅުވާލައިފިއެވެ. މި އަހަރު ބޭއްވުމަށް ނިންމައި، މިއަދު އިއުލާނުކޮށްފައިވާ މުބާރާތްތަކަކީ، ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބާރާތާއި, ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި, މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތެވެ.

މިމުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ސްކޫލްތަކުގެ ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަކަށެވެ.

ސްކޫލް ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ ދަށު ސާނަވީ އާއި ސާނަވީ އަދި މަތީ ސާނަވީ އުރުމުފުރާއެވެ. ދަށު ސާނަވީގައި ހިމެނެނީ ކީ ސްޓޭޖް 7 އަދި 8ގެ ދަރިވަރުންނެވެ. ސާނަވީ އުމުރުފުރާގެ ގިންތިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކީ ސްޓޭޖް 9 އަދި 10ގެ ދަރިވަރުންނަށެވެ. އަދި މަތީ ސަނަވީ ގިންތިއަކީ ކީ ސްޓޭޖް 11 އަދި 12ގައި ކިޔަވަމުންދާ ދަރިވަރުންގެ އުމުރުފުރާއެވެ. އަމިއްލަގޮތުން ބައިވެރިވާން އެދޭ ބައިވެރީން ގިންތި ކުރެވޭނީ 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރުފުރާގެ ގޮތުގައެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 9ވާ އަންގާރަ ދުވަހުގެ 13:00އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެއްކަރުދާސް ކުރަން ޖެހޭ ތަފްސީލުތައް ގެޒެޓްގައްޔާއި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މީގެ އިތުރުން މި މަންސަތަކުގައި ވަކިވަކި މުބާރާތްތަކުގެ ގަވާއިދު ވެސް ހިމަނާފައިވެއެވެ. މި މުބާރާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ އަންނަ އޯގަސްޓް މަހުގެ 2ވަނަ ދުވަހާއި 3ވަނަ ދުވަހުއެވެ.

ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ޤައުމީ މިފަދަ މުބާރާތްތަކުގެ މަގުސަދަކީ ކުޅަދާނަ ލިޔުންތެރީން އުފެއްދުމާއި އެކަމުގެ ޝައުޤާއި ވިސްނުން ތަރައްޤީކޮށް, ފަރިތަކަމާއެކު ދިވެހިބަހުން ޢިލްމީ އޮއްޓަރުހުރި މަޒުމޫންތަކާއި ޝައުޤުވެރި ވާހަކަތަކާއި އަސަރު ހުރި ޅެންތައް އުފެއްދޭނެ ލިޔުންތެރީންނާއި ޅެންވެރީން އުފެއްދުމަށް މަސައްކަތް ކުރުމެވެ.

ލިޔުންތެރިކަމުގެ ޤައުމީ މުބާރާތްތަކަށް މިއަދު އިއުލާނު ކޮށްފައިވާއިރު, އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތް މިއަހަރު ވެސް ވަނީ ބާއްވާފައެވެ. މި މުބާރާތަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

9 ޛުލްޙިއްޖާ 1445

14 ޖޫން 2024

Scroll to Top