ސީ.ޕީ.ޕީ.ސީ.ސީ ގެ 14 ވަނަ ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މރ. ބޭޓަރ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި.

ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ( ސީ.ޕީ.ޕީ.ސީ.ސީ ) ގެ 14 ވަނަ ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މރ. ބޭޓަރ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި ސީ.ޕީ.ޕީ.ސީ.ސީގެ އިސްވެރީންގެ 15 ބޭފުޅުންގެ ހާއްސަ ވަފުދެއް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޗައިނާ ސަރުކާރުގެ މި ވަފުދު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މިއަދު މިވަފުދުގެ ބޭފުޅުން ޤައުމީ ދާރުލްއާސާރަށް ވަޑައިގެންނެވުމުން ވަފުދުގެ ބޭފުޅުންނަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން އިސްތިޤްބާލް ކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މި ވަފުދަށް މަރުހަބާ ދެންނެވުމަށްފަހު، ވަފުދުގެ ބޭފުޅުންގެ އަރިހުގައި ދާރުލްއާސާރަށް ޒިޔާރަތްކުރައްވާ ދިވެހި އާސާރީ ތަކެއްޗާއި ދިވެހި ސަގާފަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ސީނުކަރަ އާއި ދިވެހިރާއްޖެއާ ދެމެދު ވަރަށް އިހުޒަމާނުއްސުރެ ވިޔަފާރީގެ ގުޅުންތައް އުފެދިފައިވެއެވެ. މި ގުޅުމުގެ ތެރެއިން މީލާދުން 601 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްގެފާނު ސްރީ ބަލަދީއްތަ މަހާރަދުން ސީނުކަރަޔަށް ސަފީރުން ފޮނުއްވިއެވެ. އޭގެ ފަހުންވެސް ދެފަހަރެއްގެމަތީން ދިވެހިރާއްޖެ އާއި ސީނުކަރައާ ދެމެދު ރަޙުމަތްތެރިކަމުގެ ގުޅުން އާލާކުރެވިފައިވެއެވެ. އިންޑިއާ ކަނޑުން ވިޔަފާރީގެ ބޭނުމަށް ސީނުކަރައިގެ ލިޔުންތަކުގައި ދިވެހިރާއްޖެއަށް ދީފައިވާ ނަމަކީ “މޮ-ލައި” އެވެ. މި ދަންނަވާ ލިޔުންތަކުން، އެނގޭ ގޮތުގައި ސީނުކަރައިން ސިލްކާ ބާދަލާ އާއި ތަށި ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާއިރު، ރާއްޖެއިން ހިކި މަހާއި، ކާއްޓާ ބޮއްޔާ މާވަހަރާއި ރޯނާއި އަދި ފޭރާންފަދަ ތަކެތި ރާއްޖެއިން ބޭރު ކުރެއެވެ. ފެންނަން ހުރި މިފަދަ ތާރީޚީ ހެކިތަކަށް ބަލާއިރު، ޗައިނާ އާއި ދިވެހިރާއްޖެއަކީ ވަރަށް ދުރު މާޒީއެއް އޮތް ދެ ޤައުމެވެ. އަދި މި ދިގު މާޒީއާ ގުޅޭ އަގުހުރި ބައެއް އާސާރީ ތަކެތި ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި މިއަދު ވެސް ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.

9 ޛުލްޙިއްޖާ 1445

14 ޖޫން 2024

Scroll to Top