އަޟްޙާޢީދުގެ ހަރަކާތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޓީމުތައް ދަތުރު ފަށައިފި

އަޟްޙާ ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތިން ރަށަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޓީމުތައް ދަތުރު ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އަޟްޙާ ޢީދަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ އަދާހަމަ ރަައްޔިތުންނާ ހިއްސާ ކުރުމަށް މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ. މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި މި ވުޒާރާގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އަރޓްސްގެ ފަރާތުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވަމުން ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ފާއިޒް ވިދާޅުވީ، ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅުއްފައިވާ ތިން ރަށް ކަމަށްވާ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށާއި، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގެ އިތުރުން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ވުޒާރާގެ އިވެންޓްސް ޓީމުތައް ފުރާފައިވާއިރު، މި ތިން ރަށުގައިވެސް އެއްރޫޙެއްގައި ޢީދުގެ ތައްޔާރީތައް ބާރަށް ފޯރިއާ އެކު ކުރިއަށްދާ ކަމަށް އެ ޓީމުތަކުން މަޢޫލޫމާތު ލިބިފައިވާ ކަމުގައެވެ.

      “އިސްލާމީ އިޙްތިފާލަކަށްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެލައްވަނީ ވީހާވެސް ގިނަ ދިވެހީންނަށް މި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ގޮތް ހައްދަވަން. އެގޮތުން، މުޅި ރާއްޖޭގެ ތިން ސަރަޙައްދެއްގައި، އެއީ އުތުރާއި ދެކުނާއި މެދުރާއްޖެތެރެ ހިމެނޭހެން ޤައުމީ ފެންވަރުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް މިވަނީ ކަނޑައެޅިފައި. މީގެ ކުރިން ވެސް ވުޒާރާގެ ފަރާތުން އެޑްވާންސް ޓީމުތައް ވަނީ މިތިން ރަށަށް ދަތުރުކުރައްވައި ތައްޔާރީތައް ބައްލަވާފައި. އަދި މިރަށްރަށުން ބޭނުންވާ އެހީތެރިކަން ވާނީ ފޯރުކޮށްދީފައި، އަދި މިހާރު ވެސް މިދަނީ ފޯރުކޮށްދެމުން.” ފާއިޒް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވަމުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަން ވިދާޅުވީ، މިފަހަރުގެ އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތް މާލޭގެ 6 ސަރަޙައްދެއްގައި އޮންނާނެކަމަށެވެ. އެއީ ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒާއި، މާފަންނު ސްޓޭޑިއަމާއި، ވިލިމާލެ ބޯޅަ ދަނޑު ސަރަޙައްދާއި، ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް ބޮޑު ޖަމާޢަތުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމުގައެވެ. ބޮޑު ޖަމާޢަތް ނޫނަސް، އިތުރު 28 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނަމާދަށް ދިޔުމުގެ ކުރިން ގެއިން ތައްޔާރުވެގެން ދިޔުމަށާއި، ގޮނޑީގައި ތިބެގެން ނަމާދު ކުރާ ފަރާތްތައްނަމަ، ގެއިން ގޮނޑި ހިފައިގެން ދިޔުމަށް ސަމާލުކަން ދިނުމަށް އެވުޒާރާއިން އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން، ވިއްސާރަވެއްޖެނަމަ، ބޮޑު ޖަމާޢާތް ނޯންނާނެ ކަމަށާއި، އެ ޙާލަތުގައި ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމުގައި ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަޟްޙާޢީދަށް 2 ދުވަހަށް ވެފައިވާ އިރު، ޢީދަށް ތައްޔާރުވުމުގެ ގޮތުން މުޅިރާއްޖޭގައި ދަނީ ހަރަކާތްތައް ރާވަމުންނެވެ. އެގޮތުން، ރަށްތައް ދިއްލައި ޒީނަތްތެރިކުރުމާއި، ރަށުފެންވަރުގައި ސާފުކުރުމުގެ ޕްރޮގްރާމްތައް ވެސް އެކި ރަށްރަށުގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

8 ޛުލްޙިއްޖާ 1445

13 ޖޫން 2024

Scroll to Top