މިއަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރާ ތިން ރަށް އިޢުލާންކޮށްފި.

1445ވަނަ އަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމަށް 25 އެޕްރީލްގައި މި ވުޒާރާއިން ކުރި އިޢުލާނަށްް ލިބުނު ޕްރޮޕޯސަލްތައް ބަލައި, ވަޒަން ކުރުމަށްފަހު, 1445ވަނަ އަހަރުގެ އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރަން ކަނޑައެޅުނު 03 ރަށް އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާންކޮށްފައިވަނީ އެ ތިން ރަށް އިޢުލާން ކުރުމަށް މިއަދު މި ވުޒާރާގެ ފަރާތުން ގެޒެޓްގައި ޝާއިޢުކުރި އިޢުލާން ނަންބަރު (IUL)473-AP/473/2024/54  ގައެވެ.

އެ އިޢުލާނުގައިވާ ގޮތުން 1445ވަނަ އަހަރުގެ އަޟްޙާ ޢީދު ސަރުކާރުގެ ފަރާތުން ރަސްމީކޮށް ފާހަގަކުރަން ކަނޑައެޅުނު 03 ރަށަކީ, މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު, ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.

މިރަށްރަށް ކަނޑައެޅުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ ކޮމިޓީއަކުން ވަނީ ރަށްރަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކަމުގައި އިޢުލާނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް މާކްސް ދީފައެވެ. އެގޮތުން، ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގައި އެރަށަކުން ކުރާނެ ކަންތައްތަކުގެ މައްޗަށެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ކަނޑައެޅުނު 03 ރަށަކީ މި ވުޒާރާއަށް ހުށަހެޅުނު 26 ޕްރޮޕޯސަލްގެތެރެއިން އެންމެ މަތީ ޖުމްލަ މާކްސް ލިބުނު ތިން ޕްރޮޕޯސަލް ހުށަހަޅާފައިވާ ރަށްތަކެވެ.

ޕްރޮޕޯސަލްތައް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 29 ރަށަކުން ޕްރޮޕޯޒަލް ވަނީ ލިބިފައެވެ. ނަމަވެސް މީގެ ތެރެއިން 3 ޕްރޮޕޯސަލް ވުޒާރާއަށް ލިބިފައިވަނީ ސުންގަޑި ހަމަވިފަހުން ކަމަށްވާތީ,  ބަލައި ވަޒަންކޮށްފައި ވަނީ 26 ޕްރޮޕޯސަލެކެވެ. މީގެ ތެރޭގައި ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން 9 ރަށެއްގެ ޕްރޮޕޯސަލް ހިމެނެއެވެ.

19 ޛުލްޤަޢިދާ 1445

27 މޭ 2024

Scroll to Top