އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ ގެ ދަޢުވަތަކަށް އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވައިފިއެވެ. “ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024” ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ވަޑައިގެންނެވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަޒަރްބައިޖާނުގެ ޝޫޝާގައި އޮތް ސަގާފީ މި ހަރަކާތަކީ، 2024 ވަނަ އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާ ކަނޑައެޅުމާ ގުޅިގެން، ޤައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެޤައުމުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު އެރުވިގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. މި ހަރަކާތް ރާވައި ހިންގަނީ އިސެސްކޯ އިންނެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ ގޮތުން އިސެސްކޯގެެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާއެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީއާ ވެސް ވަޒީރު ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ސަގާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމާއެކު، ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

      މީގެ އިތުރުންވެސް ވަޒީރު ވަނީ އިސެސްކޯގެ ބައެއް އިސް އޮފިޝަލުންނާއި ބައެއް ގައުމުތަކުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ.

7 ޛުލްޤަޢިދާ 1445

15 މޭ 2024

Scroll to Top