މި އަހަރުގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑުން މިއަދު ގެނެސްދިން “ވަޒީރަކާއެކު ވަގުތުކޮޅެއް” ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ކުދީންނާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ ދިވެހިބަހާއި އާދަކާދައާއި ދިވެހީންގެ ސަގާފަތާއި ތާރީޚާ ގުޅޭގޮތުން އެ ކުދީންނާ ގިނަ މައޫލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

      މަދަރުސާ ކުދީންނާއި ވަޒިރާ އެކު ކުރިއަށް ދިޔަ މި ޕްރޮގްރާމަކީ ދިވެހިބަހާއި ދިވެހީންގެ އާދަކާދައާއި ސަގާފަތާއި ތާރީޚް ދިރުވައި އާލާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން, ވަޒީރާ ސުވާލު ކުރެވޭ ގޮތަށް ރޭވިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ވަޒީރު ވަނީ މި ދާއިރާއަށް ޝައުޤުވެރިވެވަޑައިގެންނެވި ގޮތާއި, މިރޮނގުން ކުޑަކުދީންނަށް ދެއްވަން ބޭނުންފުޅުވާ އިރުޝާދާއި ނަސޭހަތް ހިއްސާކުރައްވާފައެވެ.

“ދިވެހިބަހަށް ފަރިތަ ވުމަށް, 4 ކަމެއް ތިކުދީން ވާނެ ކުރަން. އެއީ ދިވެހިބަހުން ބޮޑެތި މީހުން ވާހަކަ ދައްކާ އަޑު އެހުން. ހާއްސަކޮށް މާމަމެން ކާފަމެންގެ ވާހަކަތައް. ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔުން. ދިވެހި ބަހުން ލިޔުން. ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުން. މިކަންކަން ކުޑަ އިރުއްސުރެން ކުރަން އާދަ ވެއްޖެ ނަމަ, ދިވެހިބަހަށް އޮތީ އުފާވެރި މުސްތަޤްބަލަކަށް ވާނެ”, ވަޒީރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ, އިހުގެ މީހުންނާ ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި, އިސްރަށްވެހީންނަކީ ބަހާއި ސަގާފަތުގެ ޚަޒާނާތަކެއް ކަމުގައެވެ. އަދި އެމީހުންގެ އެ ވާހަކަތަކަކީ ވަރަށް ޝައުޤުވެރިވާނޭ ވާހަކަތަކެއްކަމަށާއި, ފުރުސަތު ލިބުނު މިންވަރަކުން އެ ވާހަކަތައް އަޑުއަހައިލަން ވަގުތު ހުސްކުރުމަކީ ކޮންމެ ކުއްޖަކު ވެސް ކުރަންވާނެ ކަމެއް ކަމަށެވެ.

ދިވެހިބަހުން ވިސްނުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ, ޅަފަތުގައި ކުދީންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭއިރު, ދިވެހިބަހުން ކިޔައިދިނުމަކީ މިކަމަށް ބާރުދޭނެ ކަމެއް ކަމަށެވެ. އެއީ ކައްކަން ދަސްކޮށްދޭ އިރު ކަމަށް ވީނަމަވެސް, ފަހަން ދަސްކޮށްދިނަސް, ދިވެހިބަހުން މުއާމަލާތްކުރާނަމަ އެ މަސައްކަތަކާ ގުޅޭ އެތައް ބަހެއް ކިޔައިދެވޭނެ ކަމަށާއި, ކުދީންގެ ދިވެހި ބަސްކޮށާރު މިކަމުގެ ތެރެއިން މުއްސަނދިވާނެ ކަމަށެވެ. އަދި ބޮޑެތި ވެގެން އަންނަ އިރު އެދަސްކުރާ މަސައްކަތެއް ފަހުން ކުރާ އިރު, ސިކުނޑި ބުނެދޭނީ އޭރު ދަސްވި ދިވެހި ބަސް ބަސް ކަމަށެވެ. އަދި ބޮޑެތި ވަމުން އަންނާނީ ދިވެހިބަހުން ވިސްނާނެ ޖީލެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ވަޒީރު ވަނީ ބަހަށް ލޯބި ޖެހުނު ގޮތާއި, ތައުލީމު ހާސިލް ކުރައްވަން ކުރެއްވި ބުރަ މަސައްކަތްޕުޅާއި, މިހާރުގެ ދިރިއުޅުއްވުމުގައި މި ދާއިރާއިން ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ވަޒީރު ވަނީ ޕްރޮގްރާމުގައި ބައިވެރިވި މަދަރުސާ ދަރިވަރުން ވަޒީރާ ކުރި ބަހާއި ސަގާފަތާއި ތާރީޚާ ގުޅުންހުރި ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ މިއަދުގެ މުޅި ޓްރާންސްމިޝަން ހާއްސަކޮށްފައި ވަނީ ކުޑަކުދީންނަށެވެ. “ވަޒީރަކާއެކު ވަގުތުކޮޅެއް” ޕްރޮގްރާމު ފަދައިން މިއަދުގެ ހުރިހާ ޕްރޮގްރާމަކާއި ޚަބަރު ގަޑިތަކެއްގެ ހުށައެޅުންތެރީންނަކީ ވެސް ކުޑަކުދީންނެވެ.

2 ޛުލްޤަޢިދާ 1445

10 މޭ 2024

Scroll to Top