3 ނޮވެންބަރުގެ ޙަމަލާއާއި ނަޞްރު ދައްކުވައިދޭ ސިފައިންގެ މަޢުރަޒު ހުޅުއްވައިދެއްވައިފި.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ރޭއްވެވި ޙަރަކާތްތަކުގެ ތެރެއިން، 3 ނޮވެންބަރު 1988 ގައި ކުރިމަތިވި ޢުދުވާނީ ޙަމަލާއާއި ނަޞްރު ދައްކުވައިދޭ ސިފައިންގެ މަޢުރަޒު ހުޅުއްވައިދެއްވައިފިއެވެ. މި މަޢުރަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. މި މަޢުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މަޢުރަޒުގައި ދައްކުވައިދޭ 200  އަށްވުރެ ގިނަ ޑިސްޕްލޭގެ ތެރޭގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަޞްލު ހަތިޔާރާއި އެނޫން ބައެއް ތަކެތި ޢާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަށް ނެޝަނަލް އާޓް ގެލެރީގައެވެ. އަދި މި މަޢުރަޒު ޢާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މިއަދުގެ މުނާސަބަތުގައި ޚާއްސަ ޢަސްކަރީ އުކުޅުތައް ދައްކާލުމުގެ ޙަރަކާތެއްވެސް ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތަށް ޢާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

1 ޖުމާދަލްއައްވަލް 1446

3 ނޮވެންބަރު 2024

Scroll to Top