2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި.

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ރޭ ކުރިއަށް ދިޔަ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި  ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެހައި ވަޒީރުންގެ އިތުރުން މި މުނާސަބަތަށް ދައުވަތު އެރުވިގެން ވަޑައިގެންނެވި އެކި ޤައުމުތަކުގެ ސަފީރުން ވެސް ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ 138 ބޭފުޅުންނަށް ދިވެހި ދައުލަތުން ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ދެއްވާފައެވެ. މި ބޭފުޅުންގެ ތެރޭގައި 43 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރޭގެ ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި އަނިޔާއާއި ނާއިންސާފާއި އަޅުވެތިކަން އޮންނަން ތާއިދުކުރައްވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާމެދު މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ނަޞްރާއި ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ދުޢާފުޅުގައި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން ބައިވެރިވާކަމުގައި ވިދާޅުވެ ދުޢާ ދަންނަވާފައެވެ.

ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދެއްކެވިއެވެ. މި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޤައުމެއްގެ މިނިވަންކަން ޤާއިމްވާނީ ތިން ކަމެއްގެ މައްޗަށް ކަމުގައެވެ.

އެ ތިން ދާއިރާއަކީ ޤައުމެއްގެ އިޤްތިޞާދާއި އަމިއްލަވަންތަކަން އަދި ދިފާޢީ ސިޔާދަތުކަމުގައި ވިދާޅުވެ، އެމަނިކުފާނު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ތިން ދާއިރާ އޮތް ހާލަތާއި، މިހާރު މި ރޮނގުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަފްސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ.

      “މިނިވަންކަމުގެ އިހުސާސްވާނަމަ މި ތިން ދާއިރާގެ ސިޔާދަތު ޔަގީންވާން ޖެހޭ. މިތިން ދާއިރާގެ ސިޔާދަތުތައް ޔަގީންވެފައި އޮތީމާ މިހިސާބަށް މި އާދެވުނީ. އާއިލީ ފުދުންތެރިކަން، ފަރުދީ ފުދުންތެރިކަން އަދި ޖަމާއަތުގެ ފުދުންތެރިކަމާއި ޤައުމުގެ ފުދުންތެރިކަން ޔަގީން ކުރުމަށް ކުރެވިފައި ހުރި، ކުރަމުން ދާ، އަދި ކުރަން ޖެހެނީ ކޮން ކަމެއްތޯ ބަލައިގެން ނޫނީ މިނިވަންކަމުގެ ވާހަކައެއް ނުދެއްކޭނެ”، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިޖަލްސާގައި ވަނީ  މިނިވަން ދުވަހާ ގުޅޭ ރަސްމީ ލަވައެއް ނެރެފައެވެ. “އޭ ދިވެހި ދިދަޔާ” މި ލަވައަކީ އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ހެއްދެވި ޅެމަކަށް ޓޮނިކް ސްޓޫޑިއޯއިން ހައްދަވާފައިވާ ލަވައެކެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަހަރު 1800އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

21 މުޙައްރަމް 1446

27 ޖުލައި 2024

Scroll to Top