ފެބުރުވަރީ 12 އިން 13 އަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ދިޔަ 13 ވަނަ “ކޮންފަރެންސް އޮފް މިނިސްޓަރސް އޮފް ކަލްޗަރ އިން ދަ އިސްލާމިކް ވޯރލްޑް”ގައި ވަޒީރު އާދަމް ނަޞީރު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ވަޒީރު ވަނީ ދިވެހި ބަހުގެ އަސްލާއި ދިވެހީންގެ ތާރީޚާއި ގުޅޭގޮތުން ތަޤުރީރުކުރައްވާފައެވެ.  ވަޒީރުގެ ތަޤުރީރުގައި  ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ދިވެހި ބަހުގެ އަސްލާހީ ހަމަތަށް ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ކުރާ މަސައްކަތާއި ގުޅިގެން ވާހަކަ ދެއްކެވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދިވެހިންގެ ތަރިކައިގެ ތެރޭ ހިމެނޭ ހިރިގަލުން ހަދާފައިވާ މިސްކިތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މިފަދަ ތަރިކަތަކަށް ލިބޭ ގެއްލުންތަކަށް އަލިއަޅުވާލާފައިވެއެވެ.

މި ކޮންފަރެންސްގެ ހަވާސާގައި ވަޒީރު ވަނީ އަޒަރުބައިޖާނުގެ ސަގާފަތާބެހޭ ވަޒީރާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ސަގާފަތާއި، ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅިގެން މަޝްވަރާ ކުރައްވާފައިވެއެވެ.

ހަމައެހެންމެ ދެޤައުމުގެ ދެމެދު ސަގާފަތާއި، ތަރިކައާއި ބަސް ކުރިއެރުވުމަށް އެކުލަވާލާފައިވާ ފަހުމުނާމާގައި ސޮއި ކުރުމާއި ގުޅިގެން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ހިރިގަލުން ހަދާފައިވާ މިސްކިތްތައް ހިމާޔަތްކުރުމަށް ފަންނީ ލަފަޔާ އެހީތެރިކަން ހޯދުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ބުރުނައިގެ ސަގާފަތާއިބެހޭ ވަޒީރާއިވެސް މި ކޮންފަރެންސްގެ ހަވާސާގައި ވަޒީރު ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ހިރިގަލުން ހަދާފައިވާ މިސްކިތްތައް ހިމާޔަތްކުރުމަށް ފަންނީ ލަފަޔާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނެވެ.

މި ދަތުރުގައި އިސްލާމިކް އަރޓްސް ބިއަނެލް އެގްޒެބިޝަނުގައި ބައިވެރިވެ، މިފަދަ ސަގާފީ މަޢުރަޒުތައް ބޭއްވުމާއި ގުޅިގެން މައުލޫމާތުހޯދާފައިވެއެވެ.

Scroll to Top