ޤައުމީ ދުވަހުގެ ޝަރަފުގައި ށ. މާއުނގޫދޫގައި ރަސްމީ ޖަލްސާއެއް ބާއްވައިފި.

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ދުވަހާ ގުޅޭ ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ. ހޮނިހިރު ދުވަހު މާއުނގޫދޫ ސްކޫލް ހޯލުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަދާމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކުގެ އިސްވެރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދަރީންނަށް ޤައުމިއްޔަތު އުނގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމުގައެވެ. އަދި ދިވެހި ދަރީންނަށް ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭ ކަމަށާއި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި، ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން ވިސްނައިދިނުމަށް ވެސް ބާރުއެޅުއްވިއެވެ. އަދި މި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ “ޕްރޯ މޯލްޑިވްސް” ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ އުންމީދީ މަސައްކަތްތަކެއް ކަމުގައި ފާހަގަކުރައްވިއެވެ.

އަދި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން ޢިބުރަތް ޙާޞިލުކޮށް އެގޮތުގައި ކުރިއަށްދިއުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

5 ރަބީޢުލްއައްވަލް 1446

8 ސެޕްޓެންބަރު 2024

Scroll to Top