ޤައުމީ ދުވަހަކީ ޒަމާންވުމަކުން އޭގެ ޒިކުރާއަކަށް ފަނޑުކަމެއް އަންނަ ދުވަހެއްނޫން. – ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ޒަމާންވުމަކީ ގައުމީ ދުވަހުގެ ޒިކުރާއަށް ‘ފަނޑު’ ކަމެއް އަންނަ ކަމެއް ނޫން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި ރޭ ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކަޅުއޮށްފުންމި އަކީ ވެސް ޒަމާންވުމަކުން އޭގެ ދުވެއްޔަކަށް މަޑުކަމެއް އަންނަ އޮޑިކޮޅެއް ނޫންކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީޚަށް ބަލާއިރު އެއް ޖީލުން އަނެއް ޖީލަށް މެދުކެނޑުމެއް ނެތި ދަތުރުކުރަމުން އަންނަ ހަމައެކަނި އޮޑިއަކީ ކަޅުއޮށްފުންމިކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ތާރީޚުގެ އެކި ހިސާބުތަކުގައި މުޞްލިޙުން އުފެދޭ ކަމަށާއި، ޒަމާންތަކެއް ކުރިން ރާއްޖޭގައިވެސް މުޞްލިޙުން އުފެދުނު ކަމަށެވެ. އަދި މުޙައްމަދު ތަކުރުފާނު ރާއްޖޭގެ އުދަރެހުން ވިދާލި ދުވަސްވަރަކީ ރާއްޖެއަށް އިޞްލާޙުތަކެއް ބޭނުންވެފައި އޮތް ދުވަސްވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.


ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވުމުން ދިވެހި ދައުލަތެއް އަލުން އިޢާދަކޮށް އިޞްލާޙުކުރަން އޭރު ޖެހުނުކަން ފާހަގަކުރައްވައި، އެއީ މުޞްލިޙަކު ބޭނުންވެފައި އޮތް ދުވަސްވަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޙައްމަދު ތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން ރާއްޖެއަށް ލިބުނީ އައު މޫސުމެއްކަމަށާއި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ފަށްޓަވާފައިވަނީ އެފަދަ އިޞްލާޙީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

      “ރާއްޖޭގެ އަޚްލާޤު އިޞްލާޙު ކުރެއްވުން، ރާއްޖޭގެ މިނިވަންކަން ބާރުގަދަ ކުރައްވާ އިޞްލާޙު ކުރެއްވުން، ރާއްޖޭގެ މަސައްކަތްތެރިކަން އިޞްލާޙު ކުރެއްވުން، ޒުވާނުންގެ ހުނަރާއި ފަންނުވެރިކަން އިޢާދަކޮށް އިޞްލާޙު ކުރެއްވުން، ދިވެހީންގެ ތާރީޚާއި ތަރިކަތައް ދިވެހީންގެ ހިތްތަކާ ދިރިއުޅުމުގެ ބައެއްކަމަށް ގެންނަވައި ދިވެހީންގެ ރޫޙު ގެނެސް އިޞްލާޙުކުރުމުގެ މަސައްކަތް ރައީސް ފެށްޓެވީ. ރައީސަކީ އަދުގެ ތާރީޚުގެ މުޞްލިޙު، ރައީސް ޑރ. މުޢިއްޒަކީ ދިވެހީން އަލުން އައު ޙަޤީޤަތްތަކުގެ މައްޗަށް ހޭލައްވައިލުމުގެ ބާނީ” ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތާއި ރަސްމީ ޖަލްސާ މާލޭގައި ބާއްވާފައިވާއިރު ހއ. އުތީމުގެ އިތުރުން ށ. މާއުނގޫދޫގައި ވެސް ޤައުމީ ދުވަހުގެ މުނާސަބަތުގައި ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

3 ރަބީޢުލްއައްވަލް 1446

6 ސެޕްޓެންބަރު 2024

Scroll to Top