ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ 3 ރަށާއި މި ވުޒާރާ ގުޅިގެން ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައިފި.
ޤައުމީ ފެންވަރުގައި 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރާ 3 ރަށާއި މި ވުޒާރާ ގުޅިގެން ޢީދުގެ ތައްޔާރީތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ދިނުމަށް ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި މި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ މި ވުޒާރާގެ އިތުރުން ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫގެ އިތުރުން ރ. އުނގޫފާރުގެ މަންދޫބުންނެވެ.
މި އަހަރު ސަރުކާރުން ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރަން ނިންމަވާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދުން ތިން ރަށެއްގައެވެ. އެއީ، އުތުރުން ރ. އުނގޫފާރު މެދު ރާއްޖެތެރެއިން ދ. ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ގއ. ވިލިނގިއްޔެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން މި ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޢާޠިކާ އިބްރާހީމް ވިދާޅުވީ، މި ތިން ރަށަކީ ޕްރޮޕޯސަލް ހުށަހެޅި 26 ރަށުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ފުރުސަތު ހޯދި ތިން ރަށް ކަމަށެވެ.
ޢާޠިކާ އިތުރަށް ވިދާޅުވީ ޢީދު ފާހަގަކުރަން ކަނޑައެޅި 3 ރަށުގައި ޢީދުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން. ތިން ރަށުގައި ވެސް ޢީދަށްވާ ތައްޔާރީތަށް ބެލުމަށް ވުޒާރާގެ ޓީމުތަކުން ޒިޔާރާތްކުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި، ތިން ރަށުން ވެސް ވަރަށް ފުރިހަމައަށް ޢީދަށް ތައްޔާރުވަމުން އަންނަކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
“މެހްމާނުންނަށް މަރުހަބާ ކިޔުމަށާއި ސަގާފީ ކުޅިވަރުތައް ކުޅުމަށް ރަށްރަށުން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން. އަދި ތިން ރަށަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވުޒާރާއިން ދަނީ މަސައްކަތް ކުރަމުން.” ޢާޠިކާ ވިދާޅުވިއެވެ.
އުނގޫފާރުގައި ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ އުނގޫފާރުގައި ހަރަކާތްތައް ކުރިއަށް ގެންދާނީ އިހުގެ ސާގާފީ ގޮތްތަކަށް ކަމަށެވެ. އެގޮތުން ޢީދު ކޯޑި، ބޮޑުމަސް ނެރުން، ކުރުފަލި ޖެހުން، ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައް އެ ރަށުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޢުމުރުން ދުވަސްވީ ބޭފުޅުންގެ އައިޓަމެއް އޮންނާނެ. ދިވެހި ސާގަފަތާއި ގުޅުންހުރި ގޮތަކަށް މި އައިޓަމްތައް ކުރިއަށްދާނީ. އަދި މެދު ޢުމުރުފުރައިގެ މީހުންނާއި ޒުވާނުންގެ ހަރަކާތްތައް އޮންނާނެ. ދިވެހި ލަނގިރި، ދަފި ނެގުން، ކުރުފަލި ޖެހުންފަދަ ހަރަކާތްތައް ބޮޑަށް ހުންނާނީ.” ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ކުޑަހުވަދޫގައި ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ފަރާތުން އަޙްމަދު މުޢާޛު ވިދާޅުވީ ކުޑަހުވަދޫގައި ޢީދު ސައި އުޟްޙިޔާ ކަތިލުން ފަދަ ހަރަކާތްތައް ޢީދު ދުވަހު އޮންނާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ބާއްވާ ހިނގާލުމެއްގެ އިތުރުން ޢީދުގެ ކޮންމެ ރެއަކުވެސް ނައިޓު މާކެޓު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
“ހަވާ އެރުވުން އޮންނާނެ. ސަގާފީ ގިނަ ހަރަކާތްތަކެއް އޮންނާނެ. އެގޮތުން ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމާއި ބޮޑު މަސް ނެރުން އޮންނާނެ. އަދި މި ހުރިހާ ހަރަކާތްތަކެއް ވެސް ބާއްވާނީ އެންމެންނަށްވެސް ބައިވެރިވެވޭ ގޮތަށް.” މުޢާޛު ވިދާޅުވިއެވެ.
ވިލިނގިލީގައި ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ޓީމް ލީޑަރ ޢައްބާސް ވިދާޅުވީ ޢީދުގެ ހަރަކާތްތައް ފަށާނީ ޢީދު ވިލޭރޭ އޮންނަ ކުލަގަދަ ކުޅިވަރުތަކަކުން ކަމަށެވެ. އެގޮތުން ޢީދު ވިލޭރޭ ޢީދު މަޅި ރޯކުރުމާއި، ވެދުމާ ދިއުމާއި، ހަވާ އެރުވުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޢީދު ތަށިބަރި ބަދަލު ކުރުމުގެ ޚާއްސަ ހަރަކާތަކާއި ގިނަ ހަރާކާތްތަކެއް ހިމެނޭހެން ޕެރޭޑެއް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
“ކުޅިވަރުތައް ގެންދާނީ ޕެރޭޑެއްގެ ގޮތުގައި. ބަނޑިޔާ ޖެހުމާއި ތާރަ ޖެހުން އޮންނާނެ. ސްޓޭޖް ޝޯ އޮންނާނެ. ޢީދު ކުޅިވަރުތަކުގައި ބޭނުންކުރާނީ ރަށުބަހުން ތައްޔާރުކޮށްފައިވާ ލަވަތައް. އައިޓަމްތަކުގައި ސަގާފީ ހެދުން ބޭނުންކުރާނީ. ކުޑަކުދިންގެ ހަވީރެއް އޮންނާނެ.” ޢައްބާސް ވިދާޅުވިއެވެ.
އިސްލާމީ މުނާސަބާތަށް ކުލަގަދަކޮށް ޤައުމީ ފެންވަރުގައި ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅު ވެރިކަންކުރާ ރަށްރަށް މިދިޔަ ފިޠުރު ޢީދާ ދިމާކޮށް އިސްލާމީ ޝިޢާރުތައް ރަމްޒުވާ ކުލަބޮކިތަކުން ވަނީ ދިއްލާލާފައެވެ. އަދި މާލޭގައި ގިނަ ކުޅިވަރުތަކެއް މިދިޔަ ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުގެ އެކި މުއައްސަސާތަކުން އިސްނަގައިގެން ވަނީ ބާއްވާފައެވެ.
26 ޛުލްޤަޢިދާ 1445
4 ޖޫން 2024