“ޤައުމިއްޔަތު ދަތުރު” ގެ ބައިވެރީން މާލޭގެ އާސާރީ ތަންތަނަށް ޒިޔާރަތްކޮށްފި.
ސަރުކާރަށް 52 ހަފުތާ ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ޤައުމިއްޔަތު ދަތުރު” މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިދަތުރު ކުރިއަށް ގެންދިޔައީ ޢާއްމުކޮށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެންނެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ މި ޙަރަކާތުގައި ދަތުރުގެ ބައިވެރީން ވަނީ މާލޭގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ ތާރީޚީ މަޢުލޫމާތު އޮޅުންފިލުވާފައެވެ.
“ޤައުމިއްޔަތު ދަތުރު” ފަށާފައި ވަނީ މިއަދު ހެނދުނު 09:00 ގައެވެ. ދަތުރުގެ ބައިވެރީން ފުރަތަމަ ޒިޔާރަތް ކުރީ ޝަހީދުންގެ ދަނާވައްޗަށެވެ.
މި ދަތުރުގައި ޒިޔާރަތްކުރި އިތުރު ތަންތަނުގެ ތެރޭގައި ބިހުރޯޒް ކަމަނާ މިސްކިތް، ޢީދު މިސްކިތް، އަލިރަސްގެފާނު ޒިޔާރަތް، މެދު ޒިޔާރަތް، ހުކުރު މިސްކިތް، ގުޅަކުޅޭ ފަސްގަނޑު، އުސްގެކޮޅު، ކަޅުއޮށްފުންމި، ކަޅުވަކަރު މިސްކިތް އަދި ޤައުމީ ދާރުލްއާސާރު ހިމެނެއެވެ.
މިދަތުރުގައި މާލޭގެ އާސާރީ ތަންތަނާ ބެހޭ ގޮތުން ދަތުރުގެ ބައިވެރީންނަށް މަޢުލޫމާތު ޙިއްސާކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ.
މިދަތުރަކީ އެމްޓީސީސީއާއި ފުލުހުންނާއި ދިރާގުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ ދަތުރެކެވެ.
ސަރުކާރަށް 52 ހަފުތާ ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ގިނަ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަދު 14:00ން ފެށިގެން 18:00ށް ޤައުމީ ދާރުލްއާސާރުގައި “މައިދާނީ ޢާއިލީ ހަވީރު” ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ކުރިއަށް ދާނެއެވެ.
14 ޖުމާދަލްއޫލާ 1446
16 ނޮވެންބަރު 2024