ޒުވާން ޅެންވެރީން ބިނާކުރުމަށް ޓަކައި މިއަހަރު ޚާއްޞަ ޙަރަކާތްތަކެއް ހިންގޭނެ
މި އަހަރަކީ ޒުވާނުންނަށް ޚާއްޞަކޮށްގެން ޅެންވެރިކަމުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގޭނެ އަހަރެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހި ދިރުވައި އާލާކުރުމަށް ޓަކައި ބުރަ މަަސައްކަަތްތަކެއް ދިވެހި ބަހުގެ އެކެޑެމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމައެހެންމެ އަމިއްލަ ބައެއް ޖަމިއްޔާތަކާ އަމިއްލަ ފަރުދުންގެ ފެންވަރުގައި ވެސް ޅެންވެރިކަމަށް ޚިދުމަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެއާ އެކު މިއަހަރުގެ ޅެންވެރީންގެ ޖަލްސާ އެ ބޭފުޅަކަށް ޓަކައި ތަޚްޞީޞްކުރެވުނު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤު ވިދާޅުވާ ފަދައިން ޅެންވެރިކަމަށް ބަދަލުތަކެއް އަންނަމުން ދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ބަދަލުތަކަށް މަރުޙަބާ ކިޔައި ޒުވާން ޅެންވެރީން ބިނާކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މި އަހަރުތެރޭ ފަށްޓަވާނެއެވެ.