ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަތީފެންވަރުގެ ވަފުދެއް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރުން.
ސީނުކަރައިގެ ސަގާފަތާއި ތަރިކައިގެ ދާއިރާގެ މަތީފެންވަރުގެ ވަފުދެއްގެ ބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މި ވަފުދަށް ހޫނު މަރުހަބާއެއް ވިދާޅުވެ، އެ ބޭފުޅުންނާ އެކު ތަޢާރަފު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އެއިން އާންމުދަނީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދާއިރާއާ މެދު ގެންގުޅުއްވާ ދެމެހެއްޓެވި ޒަމާނީ އާ ގޮތްތައް ތަޢާރަފުކުރުމުގެ ތަޞައްވުރާއި ވިސްނުންފުޅުގެ ޙަޤީޤަތަކަށް ހެދުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި ވަފުދުގެ ބޭފުޅުންނަށް ދިވެހި ސަގާފަތާއި ތަރިކައާއި މިއުޒިއަމާ ބެހޭ ގޮތުންނާއި ދާރުލްއާސާރުގައި ހުރި ތާރީޚީ ތަކެއްޗާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައި ވަނީ މި ވުޒާރާގެ ތާރީޚާ ބެހޭ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ.
މި ޒިޔާރަތުގައި ދާރުލްއާސާރުގެ އިތުރަށް ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ހިމެނޭ ސަރަހައްދު ވެސް ވަފުދުގެ ބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ.