ސަގާފަތާއި ތަރިކައިގެ ރޮނގުން މީހުން ތަމްރީން ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޖަޕާން އެމްބަސީން ފާޅުކޮށްފި.

ސަގާފަތާއި ތަރިކައާއި ދާރުލްއާސާރު ފަންނުގެ ރޮނގުން މީހުން ތަމްރީނު ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޖަޕާން އެމްބަސީން ފާޅުކޮށްފިއެވެ.

މިކަން ފާހަގަކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންބެސެޑަރ ހަރ އެކްސެލެންސީ ޓަކެއުޗި މިދޮރި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ޖަޕާން އެމްބަސީގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ހިރިގަލުގެ މަސައްކަތްތަކާއި ލިޔެލާ ޖެހުމުގެ މަސައްކަތްތަކާއި އެފަދަ ތަރިކަ ރައްކާތެރިކޮށް، އެފަންނުތައް ކުރިއެރުވުމަށް މީހުން ތަމްރީނު ކުރުމަށް ފައިސާގެ އެހީގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ. އަދި މެރިޓައިމް ހެރިޓޭޖްގެ ރޮނގުންނާއި ރާއްޖޭގެ މައުނަވީ ތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތުގައި މިހާރު ކުރެވެމުންދާ ދިރާސާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ހަރ އެކްސެލެންސީ ޓަކެއުޗި މިދޮރި ވަނީ ނިމިދިޔަ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ވުޒާރާގެ ފަރާތުން ރާވާ އިންތިޒާމްކުރި ޖަލްސާ އަދި ޕެރޭޑް ފުރިހަމަ ކަމުގައި ވިދާޅުވެ މަރުޙަބާ ވިދާޅުވެފައެވެ.

މި ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މިފަދަ ޒިޔާރަތެއް ކުރެއްވި ކަމަށްޓަކައި ހަރ އެކްސެލެންސީ ޓަކެއުޗި މިދޮރިއަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި މި ވުޒާރާގެ މަސްއޫލުވެރި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޮރުކޮށްދެއްވުމަށް ޝައުޤުވެރިކަން ފައުޅުކުރެއްވި ކަމަށްޓަކައި ޝުކުރު ދެންނެވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނަކީ ޒަމާންވީ އެކުވެރިކަމަކާއި ތާރީޚީ ވިޔަފާރީގެ ގުޅުން ޤާއިމްވެފައި އޮތް ދެ ޤައުމުކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

1 ޞަފަރު 1446

5 އޯގަސްޓު 2024

Scroll to Top