ތަރިކަރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް  މާއްދީ ތަރިކަތައިގެ ދާއިރާ ތަރައްޤީކުރުން.

ތަރިކަރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލުވަންތަކަމާއި ޤުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް  މާއްދީ ތަރިކަތައިގެ ދާއިރާ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އުތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އުތީމު ގަނޑުވަރުގެ ޙިމާޔަތުގައި ޚާއްޞަ މަޝްރޫޢެއް ހިންގަވާނެ ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢުގައި ގަނޑުވަރު ތަރައްޤީކުރާނީ ޒަމާނީ ސައިންޓިފިކް  ފަރުވާ ދިނުމާއެކު ތަނުގެ އަސްލުވަންތަކަމަށް (ހެރިޓޭޖް ވެލިޔުއަށް)  އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.  ހަމަ އެހެންމެ މި ދަތުރުފުޅުގައި ހއ . ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި  ވާހަކަފުޅުގައި  ތަކަންދޫގެ ތާރީޚީ އަހަންމިއްޔަތުގެ މައްޗަށް ވެސް ބައްލަވައިލެއްވި އެވެ.  މި ގޮތުން ތަކަންދޫ  ގަބުރުސްތާނާއި އަލި ތަކުރުފާނު ޒިޔާރަތާއި އުތީމު ގަނޑުވަރާއި ބާރަށުގައިވާ ތަރިކައިގެ އާސާރުތައް ހިމެނޭ ގޮތަށް އެ ތަންތާނގެ ޤުދުރަތީ ރީތިކަމަށް ގެއްލުމެއް ނުލިބޭ ހެން އެތަންތަން ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ލިބޭ ގޮތަށް ތަރައްޤީ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުތީމު ގަނޑުވަރާއި ތަކަންދޫގައި ހުންނަަ އަލިތަކުރުފާނު ޒިޔާރަތާއި ތަކަންދޫ ގަދީމީ ގަބުރުސްތާނަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލެއްވިއެވެ.

Scroll to Top