ދިވެހިބަހަކީ ދިވެހީންގެ މާދަރީ ބަހެވެ. ދިވެހި ބަހުގެ މައި ބަހަކީ ނުވަތަ މަންމަ ބަހަކީ ކޮބައިކަމާ މެދު އެކި ޚިޔާލުތަކާއި ރައުޔުތައް އެބަ ހުއްޓެވެ. އިހުގެ ބައެއް ލަފާކުރުންތަކުގެ ނިންމުމަކީ ދިވެހި ބަހުގެ އަސްލަކީ ސިންގަޅަ ބަސްކަމަށެވެ. އަނެއްބައި ހުށަހެޅުންތަކުގެ ނިންމުމަކީ ދިވެހި ބަހުގެ އަސްލަކީ ސަންސްކިރިތު ބަސް ކަމަށެވެ. ނަމަވެސް ޢިލްމީ އުސޫލުން ބަލާއިރު މި ނިންމުންތައް ރަނގަޅު ނޫންކަމަށް ފަހުގެ ދިރާސާވެރީން ދެކެވަޑައިގަނެއެވެ. އެހެންކަމުން ދިވެހި ބަހުގެ މަންމަބަހާއި އަސްލުތައް ހޯދުމުގެ މަސައްކަތަކީ ކުރާން ޖެހިފައި އޮތް މުހިންމު ޤައުމީ މަސައްކަތެކެވެ.
ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ފާހަގަކުރައްވާ ގޮތުގައި ދިވެހި ބަހަށް ވަރަށް ގިނަ ތަފާތު ބަސްބަހުން ކާނާ ލިބިފައިވެއެވެ. އޭގެ ތެރޭގައި އެވޭލާ ޕާޅީ ބަހާއި ސަންސްކިރިތު ބަހާއި ސިންގަޅަބަހާއި ތަމަޅައާއި ޕޮޝްތުއާއި ފާރިސީ ހިމަނުއްވައެވެ. އޭގެ އިތުރަށް ދެން ގެންނަވަނީ އަރަބި ބަހެވެ. ހަމަ އެހެންމެ ތުރުކީ ބަހާއި އަޒޭރީ އަދި ޕޯޗުގީޒު ބަހުގެ ބައެއް އަސަރުތައް ވެސް ދިވެހިބަހުން ފެނެއެވެ. މި ޒަމާނުގެ ބަހަވީއެއްކަމަށްވާ އަމާލިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިބަހުގެ އަސްލު ދެނެގަތުމުގެ ހޯދުންތައް ކުރިޔަށް ދާ އިރު، ދިވެހިބަހާއި އިނގިރޭސި ބަހާ ދެމެދު އޮތް ގުޅުންތައް ވެސް ދަނީ އިތުރަށް ފާހަގަކުރެވި ފުންވަމުންނެވެ. އެހެންކަމުން ދިވެހި ބަހުގެ އަސްލު ހޯދުމުގެ ބަހުސުގައި ދިވެހިބަހާއި އިނގިރޭސި ބަހާ ހުރި ގުޅުންތައް ދިރާސާކުރުމަށް އޭނާ ޝައުޤުވެރިވެވަޑައިގަނެއެވެ.
ބަހުގެ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ބަހުގައި ހިމެނޭ މުޢާމަލާތުކުރުމުގެ ތަފާތު ދަރަޖަތަކާއި ގޮތްތައް ވަރަށް މުހިންމު ދެ ކަމެއް އަންގައިދެއެވެ. އެއް ކަމަކީ ބަހުގެ ދޮށިކަމެވެ. އަނެއް ކަމަކީ ދިވެހީންގެ ސަގާފަތާއި ޙަޟާރަތުގެ މުއްސަނދިކަމެވެ. މިސާލަކަށް ކަލާނގެއަށް ނިސްބަތްވާ ބަހުރުވައިގައި ހުންނަނީ ވަކި ބަސްމަގެކެވެ. މަލާއިކަތުންނާއި ރަސޫލުންނާއި، ޚާއްޞަކޮށް ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނަށް ވަކި ޚާއްޞަ ބަސްމަގެކެވެ. ރަސްރަސްކަލުންނަށް ވަކި ބަސްމަގެކެވެ. ގަނޑުވަރުތެރެ ތަފާތެވެ. އާންމު އެހެނިހެން ގަނޑުވަރުތަކާއި ބޭފުޅުންގެ ބަސްމަގު އެންމެ މާތް ދަރަޖައިން އޮންނަ ގޮތް ވެސް ތަފާތެވެ. ހަމަ އެހެންމެ ބޭސްވެރިކަމާއި ފަންޑިތަވެރިކަމާއި ނަކަތްތެރިކަމަށް ވަކި ބަސްމަގެކެވެ. ދީނީ ފިޤުހީ ލިޔުންތަކަށް ވަކި ބަސްމަގެކެވެ. ޢިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި މި ހުރިހައި ތަފާތު އުސްތިރި މިންތަކެއް، ގޮތް ބާވަތްތަކެއް ބަހަކަށް އަންނަނީ އެތައް ޒަމާނަކުންނެވެ. ދިގު ދެމިގެންދާ ޙަޟާރަތަކުންނެވެ.
ދިވެހިބަހަކީ ފޯރުންތެރި އަދަބިއްޔާތެއް އޮތް ބަހެކެވެ. ދިވެހި ބަސް ލިޔަނީ ދިވެހީންގެ އަމިއްލަ އަކުރަކުންނެވެ.