ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ފަށައިފި.
ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގައި ފަށައިފި. މި މަޝްރޫޢު ތަޢާރަފުކުރުމުގެ ހަރަކާތް ފަށާފައިވަނީ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުތެރެއިން މިއަދުއެވެ.
ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި ޢިލްމުތައް ތަޢާރަފުކުރުމުގެ މަޝްރޫޢުއަކީ ދިވެހީންގެ އަސްލުތައް ދެމެހެއްޓުމާއި ޤައުމެއްގެ ގޮތުގައި ދިވެހީން ދެމިތިބުމާ ގުޅޭ ޢިލްމުތަކާ މެދު އަދުގެ މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ފަށާފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު އަތޮޅުތެރެއަށް ތަޢާރަފުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހިންގެ ދެމިތިބިމާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެކަމަށެވެ. އަދި މި މަޝްރޫޢު ވާނީ ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި މުޙިއްމު މަޢުލޫމާތުތަކެއް ދިވެހީންނަށް ލިބޭނެ މަޝްރޫޢަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި ޢިލްމުތައް ތަޢާރަފުކުރުމުގެ މަޝްރޫޢުގެ ދަށުން ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ފުރަތަމަ ކިޔައިދީފައިވަނީ މާލޭގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް ދެ ހާހަށްވުރެ ގިނަ މީހުންނަށް މަޢޫލޫމާތު ފޯރުކޮށްދެއްވާފައިވާކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ހަތަރުހާސް އަހަރުވަންދެން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމާ ގުޅޭ މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމަށް ދިމާވި އެކި ލޮޅުންތަކާއި ދިވެހީންކުރި ބައެއް ހަނގުރާމަތައް ވަޒީރު ފާހަގަކުރެއްވިއެވެ.
“ދިވެހި ޤައުމުގެ ދިފާއުގައި ދިވެހީންގެ ސަލާމަތުގައި ދިވެހި ތާރީޚުގައި ބޭރުގެ އިސްތިއުމާރީ ބާރަކާ ކުރިމަތިލާ އެންމެ ތާރީޚީ ނަތީޖާއެއް ނެރެދެއްވި އެއް ބަޠަލު، އޭގެ ތެރޭގައި އުތީމަށް ނިސްބަތްވެ ވަޑައިންނަވާ ތިން ބަތަލުން ހިމެނޭ” ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ “ދިވެހި ތާރީޚަށް އައުއަލިކަމެއް” މި ފޮތް ވުޒާރާގެ ވެބްސައިޓުގައި އާއްމުކުރުން ފާހަގަކޮށްފައިވެއެވެ. މި ފޮތް ރަސްމީކޮށް އާއްމުކޮށްދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ އާދަމް ޢަބްދުއްރަޙުމާން (އުތީމު އާދަމްބެ)އެވެ.
މި ރަސްމިއްޔާތުގައި ވަނީ ހއ އަތޮޅުގެ ކައުންސިލްގެ ބޭފުޅުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނަށް ވަނީ ނޭޝަނަލް އައިޑެންޓިޓީގެ ޢިލްމީ ކޮންސެޕްޓުތައް ތަޢާރަފުކޮށް ކިޔައިދިނުމުގެ ސެޝަނެއް ބާއްވާފައެވެ.