ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ 138 ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަން ކުރައްވައި ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި.

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ 138 ބޭފުޅުންނަށް ދިވެހި ދައުލަތުން އަރުވާ ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ދެއްވައިފިއެވެ. މިބޭފުޅުންނަށް މި ޝަރަފު ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ޤައުމީ އިނަމާ ބެހޭ ކޮމިޓީންނެވެ. މިކޮމިޓީއަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފު އެރުވިފައި ނުވާ ބޭފުޅުންނަށް ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، ރައީސްއޮފީހުގެ ފަރާތުން އެ ރެކޯޑްތައް ހޯއްދަވުމަށް ފަހު އެމަނިކުފާނު ވަނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރަފު އެރުވުނު 138 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 30 އަންހެން ބޭފުޅުންނާއި، 108 ފިރިހެން ބޭފުޅުންނެވެ. ރޭގެ ޖަލްސާގައި އިނާމް ހާސިލު ކުރެއްވި ބޭފުޅުންގެ ތެރޭގައި 43 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 70 ބޭފުޅަކަށް ވަނީ ޝަރަފު އަރުވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް މިއަދާ ހިސާބަށް ގެނެސްދީފައި މިވަނީ ވަރަށް ގިނަ އަޖުދާދުންގެ ޤުރުބާނީންކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުން ޖަމާޢީ ގޮތެއްގައި މި ޤުރުބާނީގެ ޒިކުރާ އައު ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ އިނާމާއި އައްޑަނަ ހާސިލު ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މަރުޙަބާ ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދައުލަތަށް އެހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވޭނީ ވަރަށް މަތިވެރި އަޚްލާޤެއްގެ ވެރި ބަޔަކަށް ކަމުގައެވެ. އެ އަޚްލާޤް ބިނާވެފައި ވާނީ ޤައުމަށް ތެދުވެރިވުމުގެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ. އަދި މިރޭ އެރުވިގެން ދިޔަ ޝަރަފުގެ އިނާމުގެ ފަހަތުގައި ވަނީ އެބޭފުޅުންނާ ހަވާލުކުރެވުނު ކޮންމެ ޒިންމާއެއް އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ، އަދި ނުގުޑާ ފަދަ ޢަޒުމަކާ އެކު ކުރެވުނު ބުރަ މަސައްކަތް ކަމުގައި ވިދާޅުވެ، އެ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައެވެ. ޤައުމުގެ މިނިވަންކަން މިއަދާ ހަމައަށް އައިސްފައި މިވަނީ ހިންމަތާއި މިންނަތުން ކުރެވޭ މިފަދަ އިޚްލާސްތެރި މަސައްކަތުންކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.

21 މުޙައްރަމް 1446

27 ޖުލައި 2024

Scroll to Top