ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހާ ގުޅިގެން ބޭއްވި ޝަރަފުގެ ހިނގާލުން ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.

އަސްކަރީ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ނުކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، އަމީރު އަޙްމަދު މަގަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެސަރަހައްދަށް ނުކުމެވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

އަސްކަރީ ޕެރޭޑާއި ރޫޓްމާޗް ބައްލަވައިލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާއި ސަރުކާރުގެ އިސްވެރީން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.

މާލޭގެ 5 ސަރަހައްދެއްގައި ހިނގާލުމުގެ ބައިވެރީން މަޑުކޮށް، ރާގު ކުޅެފައިވެއެވެ. ޤައުމީ ދިފާއީ ބާރުގެ ބޭންޑުންނާއި ސްކޫލްތަކުގެ ބޭންޑުތަކުން ވަނީ ރާގު ކުޅެފައެވެ. އެގޮތުން އަމީރު އަހުމަދު މަގުގެ ހުރަވީ ބިލްޑިންގ ހުރި ސަރަހަދުގެ އިތުރުން ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތި އަދި މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތީ މަޑުކޮށް، ހަރަކާތްތައް ދައްކާލާފައިވެއެވެ. ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓާހަމައިން 18:00ގައެވެ.

މި ހިނގާލުން މިއަދު ބާއްވާފައިވަނީ މިދިޔަ ހަފްތާގައި މޫސުން ގޯސްވުމުގެ ސަބަބުން ޕެރޭޑު ފަސްކުރުމުންނެވެ. މިނިވަންދުވަހުގެ ޕެރޭޑު މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

27 ޞަފަރު 1446

2 އޮގަސްޓު 2024

Scroll to Top