މި ވުޒާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިއާ ބެހޭ ވުޒާރާގެ އެކި ޑިޕާޓުމަންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ފަށްޓަވައިދެއްވީ މިއަދު މި ވުޒާރާގައި އެކަމަށްޓަކައި ބޭއްވި ހަފްލާގައި ދިވެހިބަހުގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

“ކަސްޓަމަރ ސަރވިސް އެންޑް ޕްރެޒެންޓިންގ ސްކިލްސް ޓްރެއިނިންގ” ގެ ނަމުގައި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްތަކުގައި މުވާޞަލާތުކުރުމުގެ ތަހުޒީބު ގޮތްތަކާއި ކާމިޔާބު ހުށަހެޅުންތެރިއަކަށް ވާނެގޮތުގެ މައްޗަށް އަލިއަޅުވައިލާނެއެވެ.

މި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާނީ މި ވުޒާރާގެ މުވައްޒަފުންގެ އިތުރުން ދިވެހި ބަހުގެ އެކަޑެމީ، އެންސީސީއެޗް، ދާރުލްއާސާރު އަދި ސިޔާސީ މުވައްޒަފުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިއަދު ބޭއްވި ސެޝަން ކުރިޔަށް ގެންގޮސްދެއްވީ  ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން  ދިރާސާ ކުރައްވައި ޢިލްމީ ލިޔުންތައް ލިޔުއްވަމުން ގެންދަވާ، އެމް.އެން.ޑީ.އެފްގެ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.

      ވުޒާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، ވުޒާރާގެ ދަށުން ހިންގާ ޤައުމީ ދާރުލްއާސާރުގެ ޚިދުމަތްތައް ތަރައްގީކޮށް ފުޅާ ކުރުމަށް ޕްލޭނެއް އެކުލަވާލައި، އެކަމަށްޓަކައި މި ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

6 ޛުލްޙިއްޖާ 1445

12 ޖޫން 2024

Scroll to Top