ވަޒީރު އާދަމް ނަޞީރު އިބްރާހީމް ‘ދޮންދޫނި ލިޓްލް ލަރނަރސް ޕްރީ ސްކޫލް’ ގެ “ކިޔަމާ ކިޔަމާ” އިފްތިތާޙު ކޮށްދެއްވައިފި.

      ‘ދޮންދޫނި ލިޓްލް ލަރނަރސް ޕްރީ ސްކޫލް’ ގެ ފަރާތުން “ކިޔަމާ ކިޔަމާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުޑަކުދީންގެ ހަރަކާތް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިފްތިތާޙުކޮށްދެއްވައިފިއެވެ. ދޮންދޫނި ޕްރީ ސްކޫލްގެ ކުދީންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މި ކުޑަކުދީންގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4ން 6ށް ކުޑަކުދީންގެ ބަގީޗާގައެވެ.

      މި ހަރަކާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ދޮންދޫނި ޕްރީ ސްކޫލްގެ ޕްރިންސިޕަލް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ މި ހަރަކާތަކީ ޕްރީ ސްކޫލް އުމުރުފުރައިގެ ކުދީންގެ ހިތްތަކުގައި ދިވެހިބަހުން ކިޔުމުގެ ޝައުގުވެރިކަން އަށަގެންނެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.

      މި ހަރަކާތް އިފްތިތާޙު ކޮށްދެއްވުމަށް ފަހު ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ “ޕަޗަސް” ގެ ނަމުގައި ދޮންދޫނި ޕްރީ ސްކޫލްގެ ފަރާތުން ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ވާހަކަ ފޮތް ނެރެދެއްވާފައެވެ. އަދި ކުޑަކުދީންގެ ހަރަކާތުގައި ބެހެއްޓިފައިވާ އެކި ޖަގަހަތަކަށް ޒިޔާރަތް ކުރައްވައި، ކުދީންގެ ވާހަކަ ކިޔައިދިނުމުގެ ހުނަރުތައް ބައްލަވާލެއްވިއެވެ. އަދި ކުދީންގެ ހުނަރަށް ތަޢުރީފު ކުރައްވައި ވަޒީރު ވަނީ ކުދީންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

      ދިވެހިބަހުން ވިސްނާ، ދިވެހިބަހަށް އިސްކަންދޭ ޖީލެއް ބިނާ ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން ހާސިލުކުރުމަށް އަމާޒުކުރެވިފައިވާ މުހިންމު ކަމެކެވެ. އެކަމަށްޓަކައި މި ވުޒާރާއިން ދަނީ އެކިފަރާތްތަކާ ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

19 ޞަފަރު 1446

23 އޮގަސްޓު 2024

Scroll to Top