އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖްގެ 2 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ.

އޭޝިއާގެ ޤައުމުތަކުގައި އަސްކަރީ ބާރުތަކުގެ ސަބަބުން ގެއްލެމުންދާ ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި އިއާދަކުރުމާ ބެހޭ ގޮތުން ‘އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިއާ’ ގެ ފަރާތުން ބާއްވާ ދެވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ތަޤްރީރު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އަލްފާޟިލާ ޢާޞިމާ ޢަލީ އެވެ.

ޗައިނާގައި މިމަހުގެ 19 ވަނަ ދުވަހު ކުރިއަށް ދިޔަ މި ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ކުރި ތަޤްރީރުގައި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އިއާދަ ކުރުމުގެ މަސައްކަތުގައި ޤައުމުތައް އެއްބައިވެ، އެޤައުމުތަކުގެ ދާރުލްއާސާރުތަކާއި، ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކާއި މިދާއިރާގެ ވަކީލުންނާއި ތަރިކަ ނެތުމުގެ ބިރު އޮތް ޤައުމުތަކާ ގުޅިގެން އެއް މަޤްސަދެއްގައި އިހުތިރާމާ އެކު މަސައްކަތް ކުރަން ޖެހޭކަމަށް ފާހަގަ ކުރައްވާފައިވެއެވެ. އަދި މި ދާއިރާގެ ޤާނޫނުތައް ހަރުދަނާ ކުރުމުގައްޔާއި ސަރުކާރުތައް މިކަމުގައި އެއްބަސްކުރުމުގެ މަސައްކަތުގައި އެންމެން އެއްބައިވުން މުހިންމު ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. ހަމައެފަދައިން، މިދާއިރާއިން އެހީ ބޭނުންވާ ފަރާތްތަކުގެ އަޑު އަހައި، އެ ފަރާތްތަކުގެ ބޭނުންތައް ފުއްދައިދިނުމަކީ އެންމެންގެ މަޤްސަދަކަށް ވާން ވާނެ ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ޢާސިމާ ވިދާޅުވިއެވެ.

މިއީ މި އެލަޔަންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ކައުންސިލްގައި ތަޤްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

19 ޛުލްޙިއްޖާ 1445

25 ޖޫން 2024

Scroll to Top