“އުތީމުގެ ހައިބަތު ދެމެހެއްޓުމުގެ ހުވަފެން އެއްހާސް އަހަރުގެ ދުރަށް ދެކެން ޖެހޭ”
ހއ. އުތީމުގެ ހައިބަތު ދެމެހެއްޓުމުގެ ހުވަފެން އެއްހާސް އަހަރުގެ ދުރަށް ދެކެން ޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން އޮތީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އުތީމު ކައުންސިލުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކައުންސިލުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ރަޝީދާއި ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު އާދަމާއި ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް ޢަލީ ސިފާމެވެ.
މި ބައްދަލުވުމުގައި އުތީމު ކައުންސިލުގެ ފަރާތުން ރައީސް ޢަބްދުﷲ ރަޝީދު ވަނީ އުތީމުގެ އާސާރީ ތަރިކަތައް ހިމާޔަތްކުރުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަދައްކަވައިފައެވެ. އެގޮތުން އުތީމުގައި ހުންނަ އުތީމު ގަނޑުވަރާއި ކަނދުވަލު މިސްކިތާއި މަރާމާތު ކުރަން ޖެހިފައިވާކަން ފާހަގަކޮށް އެކަމާ ގުޅޭ މަޢުލޫމާތު ވަޒީރާ ހިއްސާކުރައްވައިފައެވެ. އަދި އާއްމުންނަށް ގަނޑުވަރު ހުޅުވާލާފައި ހުންނަ ވަގުތު އަލުން މުރާޖަޢާ ކުރުމަށް ވެސް ލަފާ އެރުއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ އުތީމު ގަނޑުވަރާ މެދު ހުރި ކަންބޮޑުވުންތަކާއި އިންތިޒާމީ ދަތިތަކަކީ އާދައިގެ ގޮތަކަށް އަދުގެ ސަރުކާރުން ދެކެވަޑައިގަންނަވާ ކަންތައްތަކެއް ނޫން ކަމަށެވެ. ޚާއްޞަކޮށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތަށް ދެއްވާ އިސްކަމުގައި އުތީމަކީ ވަރަށް މަތީ ދަރަޖައެއް ދެއްވާ ރަށެއްކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ގަނޑުވަރުގެ ހައިބަތާއި މާނަވީ އަގަށް ޓަކައި މުޅި އުތީމަކީ އެ ރަށުގެ އަސްލުވަންތަކަން ސަލާމަތްކުރެވި، ޚާއްޞަ ޢިއްޒަތެއް ދެވިފައިވާ ރަށަކަށްވުން މުހިންމުކަމުގައި ވިދާޅުވިއެވެ. އެއީ މީގެ އެއްހާސް އަހަރު ފަހުން ދުނިޔޭގައި އުޅޭނެ އުތީމުގެ ދަރީން އެ ރަށުގެ ތާރީޚަށް ޓަކައި ފަޚްރުވެރިވުމަށް ޓަކައެވެ.