އިސްލާމްދީން ބަލައިގަތުމާއެކު ދިވެހީން ދޫކޮށްލީ ދުނިޔެއަށް ފުރަގަސްދިނުން ކަމަށާއި، ލިބިގަތީ ދުނިޔޭގެ ޙަޔާތާ ކުރިމަތިލުމަށް ބޭނުންވާ ސިފަތައް ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.

އިސްލާމްދީން ބަލައިގަތުމާއެކު ދިވެހީން ދޫކޮށްލީ ދުނިޔެއަށް ފުރަގަސްދިނުން ކަމަށާއި، ލިބިގަތީ ދުނިޔޭގެ ޙަޔާތާ ކުރިމަތިލުމަށް ބޭނުންވާ ސިފަތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް އޮކްޓޫބަރު 4 ވީ ހޮނިހިރު ދުވަހު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހީންގެ އިސްލާމްކަމާއެކު ލިބިގެންދިޔަ ކެތްތެރިކަމާއި، މުރާލިކަމާއި، މަސައްކަތްތެރިކަމާއި، ކުރިއެރުމާއި، ޙަޟާރީ ތަހުޒީބާއި ތަމައްދުނާއި، މަތިވެރި އަޚްލާޤީ ރިވެތި ސިފަތަކަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކުރި ސިފަތައް ކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޙަޤީޤީ މުސްލިމުންގެ ސިފަތައް އިއާދަކޮށް، އަލުން ތަރުތީބުވާންޖެހޭ ޙާލަތަށް މިދިވެހި ޤައުމު ގޮސްފައިވާކަމަށް ވިދާޅުވެ، އެކަމާމެދު ފުންކޮށް ވިސްނުމަށް އެދިވަޑައިގެންފައެވެ. އަޅުގަނޑުމެން ކޮންމެ މުސްލިމަކީ، ޙަޤީޤީ މުސްލިމްކަމުގެ ތަސްވީރު ދައްކައިދޭހެން ސިފަލިބިގެންވާ މުސްލިމުންނަށް ވުމަށާއި، ރެޔާއި ދުވާލު ފަރުވާތެރިކަމާއެކު ފަސް ވަގުތު ނަމާދު ޤާއިމުކުރުމަށް ފަރުވާ ބެހެއްޓުމާއި، ޒަކާތުގެ ވާޖިބުތަކާއި، އަނެކުންނަށް ހެޔޮފޯރުވުންފަދަ ކަންތައްތަކަށް ދިވެހީން ފަރުވާތެރިވާ މިންވަރު ވަޒަން ކުރުމަކީ މިފަދަ ދުވަހެއްގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.

3 ރަބީޢުލްއާޙިރް 1446

6 އޮކްޓޫބަރު 2024

Scroll to Top