ކަސްޓަމްސްގެ އިސްމުވައްޒަފުންނަށް ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢުގެ ތަޢާރަފު އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން މި ސަރުކާރުން ކުރިއަށް ގެންދާ ދިވެހި ޤައުމިއްޔަތު އިއާދަ ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކަސްޓަމްސްގެ އިސްމުވައްޒަފުންނަށް އަމާޒުކޮށްގެން މި މަޝްރޫޢުގެ ތަޢާރަފެއް އަރުވައިފިއެވެ. ކަސްޓަމްސްގެ މައި އިމާރާތުގެ މީރުބަހުރު މާލަމުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާގެ ފަރާތުން ދެއްވި މި ތަޢާރަފުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުން އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އިދާރާގެ އިސްވެރިންނާއި ސެކްޝަންތަކުގެ ވެރީންނެވެ. އެގޮތުން މި ބައްދަލުވުމުގައި 60 އިސްމުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ތަޢާރަފުގައި  ދިވެހި ޤައުމިއްޔަތުގެ  މަފްހޫމުތަކާއި ބަހާތަކާއި ޤައުމެއް ދެމިއޮންނަ ގޮތުގެ އޮނިގަނޑުގެ މައްޗަށް ފުންކޮށް ބަލާލެވިފައިވެއެވެ.

މި ތަޢާރަފަށް ފަހު، ޤައުމިއްޔަތު އިއާދަ ކުރުމުގެ މަޝްރޫޢާ ބެހޭ ގޮތުން ކަސްޓަމްސް މުވައްޒަފުންގެ ސުވާލުތަކަށް ވުޒާރާގެ ފަރާތުން ޖަވާބު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ދިޔައެވެ. އަދި ތަޢާރަފާ ގުޅޭ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންވަނީ ގިނަ ޚިޔާލުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން، މި ތަޢާރަފަށް ފަހު، ކޮންމެ ޤައުމެއްގެ ވެސް ނޭޝަނަލް އައިޑެންޓިޓީ ނުވަތަ ޤައުމިއްޔަތަކީ އޭގެ ޚާއްޞަ ޢިލްމު ދިރުވައި އާލާކޮށްގެން އިއާދަކޮށް ދަމަހައްޓަން ޖެހޭ އެއްޗެއް ކަމާއި، މި ވިސްނުމަށް މުޅި ޤައުމު ތައްޔާރުވެ ދިވެހީންގެ އެއްބައެއްވަންތަކަން ޙިމާޔަތްކުރުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް މުވައްޒަފުން ވަނީ ޚިޔާލުފާޅުކުރައްވާފައެވެ.

      “މިފަދަ ގޮތަކަށް ދިވެހި ޤައުމިއްޔަތު ނުވަތަ ނޭޝަނަލް އައިޑެންޓިޓީ  މިހާރު އޮތް ޙާލަތު ކިޔައިދިނުމުން މި ކަމުގެ މުހިންމުކަން ފަސޭހައިން ދޭހަވެއްޖެ. އަދި ދިވެހިންގެ ދެމިތިމުބަށް ފަރުދީ ގޮތުން ކުރަން ޖެހޭ ކަންކަން އިތުރަށް ސާފުވެގެން ގޮއްސި.” ބައްދަލުވުމުގެ އިސްމުވައްޒަފެއް ޚިޔާލުފާޅުކުރެއްވިއެވެ.

8 ރަބީޢުލްއައްވަލް 1446

11 ސެޕްޓެންބަރު 2024

Scroll to Top