ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ދެ ސިފައެއް ޢަބްދުﷲ ޞާދިޤުގެ ޅެންތަކުން ފެނޭ.

ޅެންވެރިކަމުގެ ވަރަށް ޚާއްޞަ ދެ ސިފައެއް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޢަބްދުﷲ ޞާދިޤުގެ ޅެންތަކުން ފެންނަކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާގައި ޢަބްްދުﷲ ޞާދިޤުގެ ޅެންވެރިކަމުގެ މަައްޗަށް ވާހަކަފުޅު ދަައްކަވަމުން ވަޒީރު ވިދާޅުވީ، ޅެމެއް ތަހުލީލުކުރާ އިރު، ބެލޭ ވަރަށް މުހިންމު އެއް ކަމަަކީ ޅެންވެރިޔާއާއި އެ ޅެމަކާ ހުރި ގުޅުމުގެ ޙަޤީޤަތްތައްކަމަށެވެ. އެއީ ޙަޤީޤަަަތުގައި ވެސް އޭނާގެ އެތެރެން އުތުރިގެން އުފަންވި ޅެމެއްތޯ ނުވަތަ އެހެން ގޮތަކުން ވުޖޫދަށް ގެނެވިފައިވާ ބަސްތަކެއްތޯއެވެ. މި ސިފަޔަށް ބަލާއިރު ޢަބްދުﷲ ޞާދިޤުގެ ވަރަށް ގިނަޅެންތަކުން ޅެމުގެ އަސްލުވަންތަކަން ފެންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދެވަނަ ސިފައެއްގެ ގޮތުގައި ފާހަގަކުރެއްވި ޞާދިޤުގެ ވިސްނުންފުޅުގައި އޮންނަ ޒަމާނާއެކީގައި ދަތުރުކުރެއްވުމުގެ ވިލުންތެރިވިސްނުންފުޅެވެ. ”ދިވެހި ޅެންވެރިކަން މިހާރު މި އޮތް ގޮތަކަށް ނުހިފެހެއްޓޭނެ. ހިފަހައްޓަން އުޅުނަސް އެކަމެއް ނުވާނެ. ބަދަލު އަންނާނެ. އެކަމަކު ޅެން އޮންނާނެ. ޅެންވެރިކަން މަރެއްނުވާނެ] ޢަބްދުﷲ ޞާދިޤު ވިދާޅުވިކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ބަންޖާއި ރައިވަރާއި ލަވައިގެ ފަންނަށް އަންނަމުން ދިޔަ ބަދަލުތަކަށް ޞާދިޤު މަރުޙަބާ ވިދާޅުވެފައިވާ ގޮތުގެ ތަފުޞީލީ މިސާލުތައް ފާހަގަކުރެއްވިއެވެ.

Scroll to Top