ރިޔާސީ ބަޔާން 2025
ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް، ޒަމާނީ އިންޤިލާބީ ބަދަލުތަކެއް
ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިވެހީންގެ އަމިއްލަވަންތަކަން ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ މަސައްކަތްތަކުގެ ތެރޭން މި ހިނގާ 2025ވަނަ އަހަރު ވަރަށް ތަފާތު އާ ކަންތައްތަކެއް ފެށިގެން ދާނެކަމަށް މި އަހަރުގެ ރިޔަސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރައްވައިފިއެވެ.
ޤައުމެއް ދެމި އޮތުމުގެ ވިސްނުމަކީ ނުވަތަ ޤައުމިއްޔަތަކީ ޤައުމެއްގެ އެންމެ އަސާސީ މަޞްލަޙަތުކަމަށް ވިދާޅުވެ އެ ދާއިރާއަށް މި އަހަރުތެރޭ ގެންނާނެ ކުރިއެރުންތަކުގެތެރޭގައި އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އެ ތާނގެ ޕާކު ހިމެނޭ ގޮތަށް އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސްގެ ޒަމާނީ ދާރުލްއާސާރެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށޭނެކަން އިޢުލާނުކުރެއްވިއެވެ. ތަރިކަ ދިރާސާކުރާ މަރުކަޒުން މި އަހަރުތެރޭ ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެކަމާއި ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތާއި މި ސަރުކާރުން އަލަށް ތަޢާރަފުކޮށްފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
ރައީސްގެ މިއަދުގެ ވާހަކަފުޅުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ރައްކާތެރިކުރުމަށް ޓަކައި ހއ. އަތޮޅުގައި ޤައުމިއްޔަތާ ބެހޭ އާ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަން ވެސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ، ބާރަށުގައި ވާ މާއްދީ ތަރިކައިގެ ތަންތަން ޒަމާނީ ވަސީލަތްތަކާ އެކު އާމްދަނީ ލިބޭނެހެން އާރާސްތުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ޣާޒީބަންޑާރައިންނާއި އެ ޖިހާދުގެ ބައިވެރީންގެ ޒިކުރާ ދިރުވުމުގެ ގޮތުން ކުރިޔަށް އޮތް ދެ އަހަރު ޤައުމީ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވާނީ ހއ. އުތީމުގައިކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ މި ފަދަ ޒިކުރާތަކުން ފިލާވަޅު ލިބިގަނެ ޖީލުންޖީލަށް މި ކަންކަން ރައްދުކޮށްދީގެންނެވެ.