ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ޖޯގުރަފީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ ކުރަންޖެހިފައި އޮތް މުހިންމު މަސައްކަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ހަނދާނާއި ތާރީޚަށްޓަކައި ހުވަދުންމަތީ އިރުމަތި” ނަމުގައި އަލްފާޟިލް އިބްރާހީމް އަނީސް ލިޔުއްވި ފޮތް ނެރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފޮތް ނެރުއްވައި ދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ “ހަނދާނާއި ތާރީޚަށްޓަކައި ހުވަދުންމަތީ އިރުމަތި” މި ފޮތް ލިޔުއްވުމަކީ ދިވެހި ތާރީޚާއި ސަގާފަތަށްޓަކައި އަލްފާޟިލް އިބްރާހީމް އަނީސް ކުރެއްވި އަގުބޮޑު ޤައުމީ މަސައްކަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ދިވެހީންނަށް ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ޖޯގުރަފީ އަންގައިދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް އެމީހުންގެ އަސްލުތަކާއި ތާރީޚު ކިޔައިދީ އަންގައިދިނުމަށް ބުރަ މަސައްކަތްތަކެއްކުރާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ދާއިރާގައި ރާއްޖެ އަދި އޮތީ ތަންކޮޅެއް ފަހަތުގައިކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ތާރީޚާ ގުޅޭ ފޮތްތައް ނެރެ ދަރިވަރުންނަށް ތާރީޚު ކިޔައިދެވޭނީ ފޮތްތެރި މުޖުތަމަޢެއް އުފެއްދިގެން ކަމަށެވެ. ފޮތް ކިޔާނެ މީހުން ތިބެންޖެހޭކަމަށާއި ފޮތް އިތުރުވާނީ ވެސް އޭރުންކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ކިބައިގައި ފޮތް ކިޔުމަށް ލޯބި ޖެއްސުމަށް ގިނަ މަސައްކަތްތަކެއްކުރަން ޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“ތާރީޚަށް މީގެ ކުރިން ބޮޑު ސަމާލުކަމެއް ދެވިފައިނެތީ އޭގެ އަގާއި މުހިންމުކަން ނޭނގުމުން. އަޅުގަނޑުމެންގެ ތެރޭގައި ފޮތް ކިޔާނެ މީހުން ތިބެންޖެހޭ. އޭރުން ފޮތް ޗާޕުކުރެވޭނީ ވެސް. ފޮތް ކިޔާ މީހުން ނެތީމާ ފޮތްތައް ޗާޕުކުރަން ދަތި.” ވަޒީރު ވިދާޅުވިއެވެ.

“ހަނދާނާއި ތާރީޚަށްޓަކައި ހުވަދުންމަތީ އިރުމަތި” ފޮތުގެ މުޞައްނިފް އަލްފާޟިލް އިބްރާހީމް އަނީސް ވިދާޅުވީ އޭނާގެ ފޮތުގައި ހުވަދޫ އަތޮޅާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސަރުކާރުގެ ދަށުގައި ހުވަދޫ އޮތްއިރު ހިނގާދިޔަ ހާދިސާތަކާ ގުޅޭ މަޢުލޫމާތުތައް ފޮތުން ލިބޭނެކަމަށް އަނީސް ވިދާޅުވިއެވެ. އަދި މި ފޮތް ލިޔުއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އަލްފާޟިލް ޢަދްނާން ޙަލީމަށް އަނީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

މިފޮތް މިހާރު އެމް 7 ފޮތްފިހާރައިން ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެއެވެ.

26 ޝަޢްބާން 1445

7 މާރިޗު 2024

Scroll to Top