ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ހިޔަވިހާ ނަކަތުގެ ކަޅުއޮއްފުންމި ސިންތާ ބާއްވައިފިއެވެ. މި ސިންތާއަކީ އިސްވަރު މެންޑޭޓުގެ ތެރޭ ހިމެނޭ ހަރަކާތެކެވެ.
“ދިވެހިން ތަޖުރިބާ ކުރި މޫސުމީ ކާރިސާތަކަށް އިލްމީ ކަޅިއެއް” މި މައުޟޫޢަށް ކުރިއަށްގެންދިޔަ މި ސިންތާގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ މޫސުމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު، ޙުސައިން ވަޙީދެވެ.
ކީރިތި ޤުރްއާން ކިޔެވުމަށް ފަހު، މި ސިންތާފެށިގެން ދިޔައީ ދިވެހި ތާރީޚުގެ އިސްވާރު، އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރުގެ ވާހަކަފުޅުންނެވެ. އެއަށްފަހު ދުވަހުގެ މައުޟޫޢުގެ ތަޢާރަފެއް ދެއްވީ މީޓިއަރަލޮޖިސްޓް ޢަބްދުﷲ ޙާފިޡެވެ. އެއަށްފަހު ދެން ވާހަކަ ދެއްކެވީ ޙުސައިން ވަޙީދުއެވެ.
އެގޮތުން މިހާތަނަށް ރާއްޖެއަށް ދިމާވެފައިވާ އެކި މޫސުމީ ކާރިސާތަކާއި ގުޅިގެން މަޢުލޫމާތު އެއްކޮށްފައިވާ ގޮތާއި، ޢާންމުގޮތެއްގައި ރާއްޖޭގެ މޫސުން އޮންނަ ގޮތާއި، ރާއްޖެއަށް ކުރިމަތިވި މޫސުމީ ބައެއް ކާރިސާތަކުގެ މަޢުލޫމާތާއި ރާއްޖޭގެ މޫސުމަށް ބަދަލުގެނުވާ ކަންކަން އަދި މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ޙުސައިން ވަޙީދު ވާހަކަ ދައްކަވާފައިވެއެވެ.
ޙުސައިން ވަޙީދު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ކާރިސާރަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ 1821 ވަނަ އަހަރު ކޭލަކުނު ތަޅާލި ވިއްސާރައިގެ ހާދިސާކަމަށެވެ. އެގޮތުން ކޭލަކުނު ތަޅާލި ވިއްސާރައަކީ ދިވެހިރާއްޖެއަށް ދިމާވި އެންމެ ގެއްލުން ބޮޑު މޫސުމީ ކާރިސާ ކަމަށާއި އުއްމީދަކީ މި ހާދިސާއާއި ގުޅިގެން ޢިލްމީ ސައިންޓިފިކް ދިރާސާއެއް ކުރުން ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ކާރިސާތަކުގެ ތެރެއިން ތާރީޚަށް ބަލާއިރު އެންމެ ގިނަ ކާރިސާތަށް ހިނގާފައިވަނީ ޑިސެމްބަރު މަހު ކަމުގައި ޙުސައިން ވަޙީދު ވިދާޅުވިއެވެ. އެއީ ފަހުގެ ތާރީޚައް ބެލި ކަމަށް ވިޔަސް، އިހުގެ ތާރީޚަށް ބެލިކަމަށް ވިޔަސް ކަމުގައި ޙުސައިން ވަޙީދު ވިދާޅުވިއެވެ.
އަދި ރާއްޖެއަށް ދިމާވެފައިވާ މިފަދަ ހުރިހާ ކާރިސާރަތައް ލިސްޓު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، 1733 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖެއަށް ދިމާވެފައި ހުރި ޤުދުރަތީ ހާދިސާ ތަކަކީ ކޮބައިތޯ ބެލުމަށް ގިނަ ދިރާސާތަކެއް އަމިއްލައަށް އަދި އެހެން މީހުންގެ އެހީރެރިކަމާއެކު ކޮށްފައިވާނެކަމަށް ޙުސައިން ވަޙީދު ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލަށް ފޮތެއްގެ ސިފައިގައި ނަމަވެސް މި މަޢުލޫމާތު ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ޙުސައިން ވަޙީދުގެ މަޢުލޫމާތު ދަންފަޅި ނިމުމުން، ބައިވެރިންނަށް ވަނީ ޙުސައިން ވަޙީދާއި ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާ، ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންގޮއްސައެވެ.
މި ސިންތާގައި ނިންމާލާފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކޮށްފައިވާ “ދިވެހި ތާރީޚަށް އައު އަލިކަމެއް”، މި ފޮތުގެ ޑިޖިޓަލް ކޮޕީ، އެ ފޮތް ޑިޖިޓަލްކުރެްވި އަމިއްލަ ފަރާތެއްކަމަށްވާ ޢަބްދުލްމުޢީދު ޙަސަންއެވެ.