ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މިއަދު ބޭއްވި މި އަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.
ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު 8:15 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
1 ރަބީޢުލްއައްވަލް 1446
4 ސެޕްޓެންބަރު 2024