ދިވެހި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކޮންޒަރވޭޝަން ލެބްރޮޓްރީއެއް ޤާއިމުކުރުބާ ބެހޭ ގޮތުން ޗައިނާއާއި މަޝްވަރާ ކުރައްވައިފި.
ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންޒަރވޭޝަން ލެބްރޮޓްރީއެއް ޤާއިމުކުރުމާ ބެހޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާއި ސީނުކަރައިގެ ސަފީރާ ދެމެދު މަޝްވަރާކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާއިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުޤުވެރިކަން ފާޅުކޮށްފައެވެ. މި އަދު ޗައިނާގެ ސަފީރު ވަން ލީ ޝިން ދިވެހި ބަހާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި އަަރިހަށް ކުރެއްވި ދެ ޤައުމުގެ ބަދަހި ގުޅުމުގެ ތެރޭން ސަގާފީ ގޮތުން ދެފަރާތުން ހިއްސާކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރެވުނެވެ. އަދި ރާއްޖެއަށް ބޭނުންވާ ބައެއް އެހީތެރިކަމާ މެދު މަޝްވަރާ ކުރެވުނެވެ. އެ ގޮތުން ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާ ބެހޭ ލެބްރޮޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ ޢިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތުމުގެ ދަތިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެ ކަމާ ގުޅިގެން އެ ފަދަ ލެބްރޮޓްރީއެއް ގާއިމުކުރުމަށް ޓަކައި ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތް ހުށަހެޅުމަށް ވިދާޅުވެ ޗައިނާ ސަފީރު އެ ކަމަށް މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.