ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މި ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ބައިވެރިވެވަޑައިގެންނެވީ އެކައުންސިލްގެ ރައީސް އަޙްމަދު މުސާއާއި، ނައިބު ރައީސް މުޙައްމަދު މުނީރުގެ އިތުރުން ކައުންސިލް މެންބަރުންނާއި އެކައުންސިލްގެ ސެކެޓްރީ ޖެނެރަލާއި ކައުންސިލްގެ ޒުވާނުންގެ މަންދޫބު އަދި ކުޅިވަރާ ބެހޭ މަންދޫބެވެ.

މި ބައްދަލުކުރެއްވުމުގައި އެރަށުގައި ހުރި މި ވުޒާރާއާ ގުޅުންހުރި ކަންތައްތަކުގެ އެންމެ ފަހުގެ އަދާހަމަ ބައްލަވައި، އެމަސައްކަތްތަކުގެ ދުވެލި ބާރު ކުރުމަށް ކުރެވެގެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ތާރީޚު އެއްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިޔަމިގިލީގެ ތަރީޚު ރައްކައުކޮށް، އެރަށުގެ ދުވަސްވީ މީހުންގެ ވާހަކަތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ވެސް ވަޒީރު ވަނީ ކައުންސިލާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެރަށުގައި ވެސް ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ތަނެއް ގާއިމުކޮށް، އެތަން ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުން ކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީލާދީން 1704އިން 1757އާ ހަމައަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިރިއުޅުއްވި ގަނޑުވަރު ހުންނަނީ ކޮޅުމަޑުލު ދިޔަމިގިލީގައެވެ. އެ ގަނޑުވަރަކީ ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެތަކުގެ ތެރެއިން މިހާރު ފެންނަން ހުރި، އެރަސްކަމުގެ އެންމެ މުހިންމު ރަމްޒެވެ. ބެލެވޭ ގޮތުގައި އެ ގަނޑުވަރުގެ އުމުރަކީ 319 އަހަރެވެ.

24 ޞަފަރު 1446

28 އޮގަސްޓު 2024

Scroll to Top