މާދަރީ ބަހަކީ އެއްބައެއްވަންތަކަމުގެ އިޙްސާސުގައި އެއްބައިވަންތަކަމާއެކު ދިވެހިން ދެމިތިބުމަށް އޮތް، އެންމެ މުހިންމު ވަސީލަތްކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފަހާގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑެމީން އިންތިޒާމުކުރައްވައިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވާ ފަދައިން ބަހަކީ ޤުދުރަތީ އުފެއްދެވުމެއް ކަމަށާއި އާ ބަހެއް އުފެދިގެން އަންނަ ޠަބީޢީ ތަރުތީބެއް އޮންނަ ކަމަށެވެ. އެއީ އިންސާނުން އެއްތަނެއްގައި ތިބެންފެށުމުން އެ މީހުންގެ ބޭނުންތަކަށް ޓަކައި އެކަކު އަނެކަކަށް އެ ބައެއްގެ ހިތުގައި އުފެދޭ އުފެދުންތައް ފޯރުވާން ކުރެވޭ މަސައްކަތެއްގެ ތެރެއިންކަމަށެވެ. މި ގޮތަށް ބަހެއް އުފެދި އެ ބަހެއް މޮޅުވަމުން ދަނީ އެބައެއްގެ ތެރޭގައި ފުންވަމުންދާ އާއިލީ ގުޅުންތަކާއި ކުރިއަރަމުންދާ މަސައްކަތްތެރިކަމާއި ފަންނާއި ޢިލްމުވެރިކަމުގެ ތެރޭންނެވެ. މި ގޮތުން ލޭގެ ގޮތުން ގުޅެމުން ގެތެމުން ބަހުގެ ގޮތުން ދޭހަ ފުންވަމުންދާ ދިޔުމުގައި އެއީ އެއްބައެއްކަމުގެ އިޙްސާސާއި ގަބޫލުކުރުން ހިތްތަކަށް ފިސާރި ރަނގަޅަށް ޔަގީންކުރެވެއެވެ.
އެހެންކަމުން މާދަރީ ބަހަކީ ހަމައެކަނި އެކަކުއަނެކަކުގެ ހާލު އަހާލާން، ނުވަތަ ފިހާރަޔަކަށް ވަދެ އެއްޗެއްގެ އަގު އަހާލާން އޮންނަ ތިލަ ގުޅުމެއް ނޫންކަން ފާހަގަކުރެއްވިއެވެ.
މާދަރީ ބަސް އެބަޔަކީ އެއްބައެއްކަމުގެ ވިސްނުން އުފައްދައި ގަބޫލުކުރުވައެވެ. މާދަރީ ބަސް އެބައެއްގެ އުފެއްދުންތެރިކަން ވިސްނުމަށް ގެނެސްދެއެވެ. މާދަރީ ބަހުން އެބައެއްގެ މެދުގައި ކުލުނާ ލޯބި އަށަގަންނަވައެވެ. މި ކަންކަމުގެ ސަބަބުން މާދަރީ ބަސް އެބައެއްގެ މާދަމާގެ ސަލާމަތަށް ޓަކައި އެ ބަޔަކު އެއްރޫޙެއްގައި އެކުގައި ދެމި ތިބުމަށް އިންތިހާޔަށް ބާރު އަޅައިދެއެވެ. އެހެންކަމުން ޤައުމެއްގެ ގޮތުގައި ދިވެހީން ދެމި ތިބެ، ދިވެހި ދައުލަތް ސަލާމަތްކުރުމަށް ޓަކައި ދިވެހި މާދަރީ ބަސް އަދާކޮށްފައިވާ ދައުރާއި އަދާކުރަމުންދާ ދައުރާއި އަދާކުރާނެ ދައުރާ މެދު ޢިލްމީ ފުން ހޭލުންތެރިކަމެއް ދިވެހީންގެ އަންނާން އޮތް ޖީލުތަކާ ހަމައަށް ފޯރުވައި ދިނުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަސައްކަތްޕުޅަކީ މި ކަމަށް ޓަކައި ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.