“ބޮޑުތަކުރުފާނުގެ ޖިހާދު”ގެ ނަމުގައި ބާއްވާ އާންމު ބައްދަލުވުން، އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފި.

1446 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އިންތިޒާމު ކުރާ “ބޮޑުތަކުރުފާނުގެ ޖިހާދު” 1 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ މަރުކަޒުން ހާމަކޮށްފިއެވެ.

      “ބޮޑުތަކުރުފާނުގެ ޖިހާދު” ގެ ނަމުގައި ބާއްވާ އާންމު ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެމްބަރު 2024ވާ އާދީއްތަ ދުވަހުގެ ރޭ 08:15 ގައެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި އޮންނަ މި އާންމު ބައްދަލުވުމުގައި ބޮޑުތަކުރުފާނުގެ ޖިހާދާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްދެއްވާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތާރީޚާ ބެހޭ މުޝީރު އަލްއުސްތާޛް އަޙްމަދު ޢާލާ ދީދީއެވެ.

މި ހަރަކާތާ ގުޅޭ މައުލޫމާތާއި ބައިވެރިވުމަށް ބޭނުންވާ ކިއުއާރު ކޯޑު ހިމެނޭ މަންސަ ޕޯސްޓް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މި ވުޒާރާގެ މަންސަތަކުގައި މިހާރު ވަނީ ހިއްސާ ކުރެވިފައެވެ. މި ޢިލްމީ ބައްދަލުވުމަށް ހުރިހާ ބޭފުޅުންނަށް އެ މަރުކަޒުން ދަޢުވަތު އަރުވައެވެ.

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ދިދަނެގުމުގެ ރަސްމިއްޔާތާއި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 4 ސެޕްޓެންބަރުވާ ބުދަ ދުވަހުގެ ހެނދުނު 08:15ގައި ދަރުބާރުގޭގައެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރު ވެސް ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ވެސް ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
     

ށ އަތޮޅު އަތޮޅު ކައުންސިލްގެ އިސްނެންގެވުމަކަށް ށ އަތޮޅުގައި ވެސް އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އަތޮޅުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ށ. މާއުނގޫދޫގައެވެ.

25 ޞަފަރު 1446

29 އޮގަސްޓު 2024

Scroll to Top